15 Jun 2024, 14:07
ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރުގެ ފުރަތަމަ ބޮލީވުޑް ފިލްމު "އިޝްގް ވިޝްގް"ގެ ދެވަނަ ބައިގައި އެކްޓަރުގެ ވަރަށް ޚާއްސަ ފެނިލުމެއް ހިމެނޭނެ ކަމަށް އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނިން ބުނެފިއެވެ.
ފިލްމު "އިޝްގް ވިޝްގް"ގެ ދެވަނަ ބައި "އިޝްގް ވިޝްގް ރީބައުންޑް"އިން ޝާހިދު ކަޕޫރު އަދި ކުރީގެ ފިލްމުގެ އެއްވެސް ތަރިއަކު ނުފެންނާނެކަން އިއުލާނުކުރުމާ އެކު ވަރަށް ގިނަ ބަޔަކު މާޔޫސް ކުރުވިއެވެ.
ފިލްމު "އިޝްގް ވިޝްގް" ފްރެންޗައިސްގެ ދެވަނަ ބައި ޖެން-ޒީ ސްޓައިލުގައި މި ޒަނާމުގެ ލޯބީގެ ރަހަތަކާ އެކު އުފައްދަން ނިންމިއިރު ފުރަތަމަ ފިލްމުން ފެނުނު އެއްވެސް ތަރިއަކު ފަހުގެ ފިލްމުގައި ނުހިމެނެއެވެ. އަދި، "އިޝްގް ވިޝްގް ރީބައުންޑް"ގެ ވާހަކައަކީ ކުރީގެ ފިލްމާ އެއްވެސް ގުޅުމެއް ނެތް މުޅީން އާ ވާހަކަތަކެއް ގެނެސްދޭނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

ފިލްމު "އިޝްގް ވިޝްގް ރީބައުންޑް"ގެ ކާސްޓުން--ފޮޓޯ/ފިލްމުފެއަ
ފިލްމުގެ ޓްރެއިލާ ލޯންޗުކުރި ހަފުލާގައި ޑައިރެކްޓަރު ނިޕުން އަވީނާޝް ވަނީ ވަރަށް ޚާއްސަ ފެނިލުމަކުން ޝާހިދު ކަޕޫރު ފަހުގެ ފިލްމުން ފެންނާނެކަމުގެ އިޝާރާތެއް ދީފައެވެ. ޝާހިދު ކަޕޫރު ފިލްމުން ފެނިލުމުގެ ޚަބަރާ އެކު ގިނަ ބަޔަކު ބުނެފައިވަނީ "އިޝްގް ވިޝްގް"ގެ އެކްޓަރުގެ ޚާއްސަ ފެނިލުމާ އެކު ފަހުގެ ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމުގައެވެ.
ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ "އިޝްގް ވިޝްގް ރީބައުންޑު"ގެ ކާސްޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަޕޯޓިންގް ރޯލްތަކުން ފެންނަ ރޯހިތު ސަރަފާ އެކު ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފުވާ ތަރިންނެވެ.
އޭގެ ތެރޭގައި ހިމެނެނީ އެކްޓަރު ރިތިކް ރޯޝަންގެ ބޮޑުބޭބެގެ ދަރިފުޅު ޕަޝްމިނާ ރޯޝަނާއި، ޖިބްރާން ޚާންގެ އިތުރުން ނާއިލާ ގަރޭވާލެވެ. ފިލްމު "އިޝްގް ވިޝްގް ރީބައުންޑު" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި މަހުގެ 21ވަނަ ދުވަހުއެވެ.