17 Jun 2012, 13:24
ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްްޗިއްސާ އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އެ އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 31 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރި ކަމަށާއި އޭނާގެ އަތުން މަސްތުވާ ތަކެތި ކަމަށް ލަފާކުރެވޭ އެއްޗެއް އަޅާފައި ހުރި 14 ޕެކެޓް އަތުލާފައިވާ ކަމަށެވެ.
އަދި ބުނީ ދެ ވަނަ އަށް އަތުލައިގަތީ އިއްޔެ ގއ. ވިލިގިއްޔަށް ދިޔަ ބޯޓެއް ފުލުހުން ބަލައި ފާސްކުރުމުން އެ ބޯޓްގެ ވީލް ހައުސް ތެރޭގައި ފޮރުވާފައި އޮތް ސިޓީ އުރައެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ އެއްޗެއް އަޅާފައި ހުރި ފަސް ޕެކެޓް ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އެ ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ބަލަމުންނެވެ.