17 Jun 2012, 13:02
ހއ. އަލިދޫ ރިސޯޓުގެ ކުލި ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާސްގެ މައްޗަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިތީ (މީރާ) މިރާ އިން ކުރާ ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ކަނަޑައެޅީ ހއ. އަލިދޫ ރިސޯޓުގެ ލީސް ރެންޓާއި ލޭންޑް ރެންޓު އަދި ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް އަރާފައިވާ 1.5 މިލިއަށް ޑޮލަރު ހޯދުމަށް މީރާ އިން ޔޮޓް ޓުއާސްގެ މައްޗަށް ކުރާ ދައުވާ އަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ޔޮޓު ޓުއާސް އިން ނެގި އިޖުރާއީ ނުކުތާ އާ މެދު މިއަދު ޝަރީއަތުން ނިންމި ނިންމުމުގަ އެވެ.
ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާއާ މެދު ޝަރީއަތުން ނިންމި ގޮތް އިއްވަވަމުން ގާޒީ އަލީ ނަސީރު ވިދާޅުވީ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ޔޮޓް ޓުއާސް އިން އެދިފައި ވަނީ އެ ދައުވާ އާ މައުޟޫއީގޮތުން އެއް މައްސަލައެއްގައި މީރާ އަށް ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައި ވާތީ ކަމަށެވެ.
ގާޒީ ވިދާޅުވީ މީގެ ކުރިން އެގޮތަށް ހުކުމްކޮށްފައިވީ ނަމަވެސް އެ ނިންމުމަކީ މަތީ މަރުހަލާގެ ކޯޓަކުން ތާއީދު ކޮށްފައިވާ ނިންމުމަކަށް ނުވާތީ އެ ނިންމުމަށް ކޮންމެހެން އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ދައުވާގައިވާ ކަންތައް މައުޟޫއީ ގޮތުން ބެލުމުގެ ކުރިން ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ދައުވާއަށް ޖަވާބުދާރީ ވުމަށް ޔޮޓް ޓުއާސްއަށް ފުރުސަތު ދިނުމަށް ފަހު އެވެ.