14 Jun 2024, 13:26
ޙައްޖު ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ޙައްޖު ދުވަހުގެ މާތްކަމާ ގުޅޭ ގޮތުން މިއަދުކީ ޚުތުބާގައި ބުނީ، އަހަރު ތެރޭގައިވާ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސްކަމަށްވާއިރު އެ ދުވަހަކީ އަރަފާތު ދުވަސް ކަމަށެވެ. އަދި، އެއީ ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަސްކަން ވެސް ވަނީ ޚުތުބާގައި ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، ޚުތުބާގައި ބުނީ އަރަފާތު ދުވަހު ޙައްޖުވެރިން ނޫން މީހުން ރޯދަ ހިފުން މުސްތަޙައްބުވެގެންވާ ކަމަށެވެ.
"ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ މާނައީ: "(އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ) އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ،" ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ،ޙައްޖުވެރިޔާ އެ ދުވަހު ރޯދައަށް ހުރުމެއްނުވާ ކަމަށެވެ. ނަމަވެސް، ޙައްޖުވެރިޔާއަށް ދުޢާކޮށް ޒިކުރުކޮށް ކީރިތި ޤުރުއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުން މުސްތަޙައްބުވެގެންވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން ޙައްޖު ދުވަހެއްގައި މައްކާ -- ފޮޓޯ/ އޭޕީ
"މިއީ އެ ދުވަހުގެ އެ މަޤާމުގެ ވަޒީފާއެވެ. އެ ދުވަހު ޙައްޖުވެރީން ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި ނިކަމެތިކަން އިޙްސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެއެވެ. ހަމަ އެ ފަދައިން މާތް ނަބިއްޔާއަށް ޞަލަވާތްކިޔެވުން ވެސް ގިނަކުރެވޭތޯ ބަލާންވާނެއެވެ. ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަފުއްސަވައިދެއްވައިތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރާން ވާނެއެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، އަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް ﷲ އެ ކަލާންގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަސް ކަމަށެވެ. އަދި، އެ ދުވަހު ޙައްޖުވެރިން އަރަފާތުގައި ތިބޭއިރު މާތް ﷲ އެ ކަލާންގެ މަލާއިކަތުން ހެކިކުރައްވައި އެ ކަލާންގެ އަޅުތަކުންގެ ފާފަ ފުއްސަވައިދެއްވާނެ ކަމަށް ވެސް ޚުތުބާގައިވަނީ ބުނެފައެވެ.
ޚުތުބާގައި އިތުރަށް ބުނީ، އެ ދުވަހު ޙައްޖަށް ނުދެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހުގެ މާތްކަން ލިބިގަތުމަށް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން، ރޯދަހިފައި، ޒިކުރުކޮށް ދުޢާކޮށް ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލުކުރެވިދާނެ ކަމަށް ޚުތުބާގައިވެއެވެ.
އެ ދުވަހުން އެ މީހެއްގެ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް ﷲ ފާފަ ފުއްސަވައިދެއްވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.