ސަރުކާރު ބަދަލު ކުރީ ބަޣާވާތަކުން ކަމަށް ބުނެ މިހާރުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އަދި އަދި ކުރީގެ ސަރުކާރު ބަދަލުކުރުމުގައި އިސްކޮށް ތިއްބެވި ފަރާތްތައް ދިގު މުއްދަތަކަށް ޖަލަށް ލާނެ ކަމަށް އިއްޔެ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބު ކުރި އަދި ހުޅުހެންވޭރު ދާއިރާ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އުސްފަސްގަނޑުގައި ރޭ ވާހަކަފުޅު ދައްކަވަމުން މޫސާ ވިދާޅުވީ "ބަޣާވާތުގައި" ސިފައިންގެ ތެރެއިން ބަޔަކާއި ފުލުހުންގެ ތެރެއިން ބަޔަކު ބައިވެރިވި ކަމަށާއި އަދި އޭގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް މިހާރުގެ ބާޣީ ސަރުކާރުގެ ހޯމް މިނިސްޓަރު ޖަމީލާއި ބަޣާވާތުގައި ބައިވެރިވި މީހުން ދިގުމުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް،" މޫސަ ވިދާޅުވި އެވެ. "އަޅުގަނޑުމެން ބިރެއް ނުގަންނާނެ ޖަމީލެއް ދެކެ. އަޅުގަނޑުމެން ބިރެއް ނުގަންނާނެ ހަބީބެއް ދެކެ ވެސް. އަޅުގަނޑުމެން ބިރެއް ނުގަންނާނެ ނާޒިމެއް ދެކެ ވެސް،" މޫސާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަށް ތާއީދު ނުކުރާ ފުލުހުންނާއި ސިފައިން ވަޒީފާ އިން ވަކިކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް މޫސާ ތުހުމަތު ކުރެއްވި އެވެ. އަދި އޭނާ ވިދާޅުވީ ފުލުހުންގެ އިންޓަލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު ހައްޔަރުކުރީ ފުލުހުން ބިރުދެއްކުމަށް ކަމަށާއި ނަމަވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުރު ފުލުހުންތަކެއް ހައްޔަރުކުރަން ސަރުކާރަށް ޖެހޭނެ ކަމަށެވެ.

މޫސާ މިމޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ދި ޓީވީ އަށް އަދި ދުވަހު ނޫސް ހަވީރަށް ހޯމް މިނިސްޓަރު ޖަމީލު ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަންތައްތަކާ ގުޅިގެން އޭނާ ގިނަ ދުވަސްތަކަކަށް ޖަލަށް ލުމަށް ކޯޓަށް ސާބިތު ކޮށްދެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި އަދި ނަޝީދު ގިނަ ދުވަސްތަކަށް ޖަލަށް ލައްވާނެ ކަމަށް ޖަމީލު ވިދާޅުވިތާ 24 ގަޑި އިރު ވެސް ނަވަނީހެވެ. ޖަމީލު ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރެއްވުމަކީ ވަރަށް ފާޅުކަން ބޮޑުކޮށް ކުރީގެ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށާއި އެ މައްސަލަ އަށް އެކަނި ބެލިއަސް، ނަޝީދު ކުށްވެރިވާނެ ކަމަށެވެ.

"އޭގެ ތެރެއިން އެންމެންނަށް އެނގޭ އެއް މައްސަލަ އަކީ ކްރިމިނލް ކޯޓުގެ އިސް ގާޒީ، ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ހައްޔަރުކުރި ކުރުން. އަޅުގަނޑަށް ވަރަށް ޔަގީން އެ މައްސަލަ ޝަރުއީ ކޯޓުން އަންނިގެ މައްޗަށް ސާބިތުވާނެ ކަމަށް،" ޑރ. ޖަމީލް ހަވީރަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.