17 Jun 2012, 12:15
ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގަރާރަކުން އެކުލަވާލާފައިވާ އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަކަށް އައްޔަން ކުރުމަށް ނިންމާފައިވާ ސިންގަޕޫރުގެ ފަނޑިޔާރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރު ރާއްޖެ ވަޑައިގަތުމަށް ކުރީން ހަމަ ޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް މިއަދު ހެނދު ސިންގަޕޫރުގެ ފަނޑިޔާރު މާލެ ވަޑައިގެންފައިވާ ކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
"އެ ބޭފުޅާގެ އަމިއްލަ ކަމަކަށް އޭރު [ މި މަހު] 21 ކަމަށް ބުނީ. ނަމަވެސް އެ ބޭފުޅާއަށް މިއަދު ވެސް ރާއްޖެ އަށް ވަޑައިގެންނެވޭ ގޮތްވީމާ މާލެ ވަޑައިގެންނެވީ،" އައްބާސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ އިންކުއަރީ ކޮމިޝަން އަލުން އެކުލަވާލުމަށް ހާއްސަ އިހްތިފާލެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮމިޝަނުގެ މަސައްކަތް އަލުން ފަަށާއިރު ކޮމިޝަނުގައި ތިއްބަވާނީ އިސްމާއީލް ޝަފީއު އާއި ޑރ. އިބްރާހިމް ޔާސިރު އަދި ޑރ. އަލީ ފަވާޒް ޝަރީފުގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނަށް ހަމަޖެއްސެވި ގަހާ އަހުމަދު ސައީދާއި ރިޓާޔާޑް ފަނޑިޔާރެވެ. ކޮމިޝަނުގެ ކޯޗެއާ އަކީ ވެސް ފަނޑިޔާރެވެ.