ޒަމާނަށް ނުފެތޭ ގާނޫނުތައް އުވާލަން ނުވަތަ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން 26 ބިލެއް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިފިއެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނެނީ ޖުމްލަ 213 ބިލެއް ކަމަށެވެ.

ޒަމާނަށް ނުފެތޭތީވެ، އުވާލަން ނުވަތަ އިސްލާކުރުމަށް ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައިވާ ބައެއް މުހިންމު ބިލުތަކުގެ ތެރޭގައި ހިމެނެނީ:

  • އާންމު ގާނޫނުތަކެއް އުވާލުމުގެ ބިލު

  • މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސަރުކާރުގެ އެންގުމަކަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންދަންޖެހޭ މީހުން ގެނެސް ގެންދިއުމުގެ ގާނޫނު އުވާލުމުގެ ބިލު
  • ސަރުކާރަށް ނުވަތަ ސަރުކާރާބެހޭ ފަރާތްތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާ އަތުލުމާބެހޭ ގާނޫނު އުވާލުމުގެ ބިލު
  • ރާއްޖޭން ބޭރަށްދާ ދިވެހިންނާބެހޭ ގާނޫނު އުވާލުމުގެ ބިލު
  • ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ފަރާތުން ބިލް ހުށަހެޅުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މާލޭގެ ގޯތިގޯއްޗާއި ބިންބިމުގެ އިން ވަކިކުރުމާއި، އިމުގައި ނުވަތަ އިމާ ކަރިީގައި އިމާރާތްކޮށް ތަންތަން ހެދުމާއި، މަގަށް ދޮރު ކެނޑުމާބެހޭ ގާނޫނު އުވާލުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިބޭސް ކުރުމާއި ފަންޑިތަހެދުމާއި ޚިތާނުކުރުމާ އަދި ފޫޅުމާކަންކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ ގާނޫނު އުވާލުމުގެ ބިލު
  • ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މި އެޖެންޑާގެ ތެރޭގައި 213 ބިލެއް ހިމަނާފައިވަނީ 15 މައުޟުއަކަށެވެ. އޭގެ ތެރޭގައި މުޅީން އަލަށް ހުށަހެޅުމަށް ނިންމާފައިވާ 78 ބިލު ހިމެނޭ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން ދެ ބިލެއް މިހާރުވަނީ މަޖިލީހަށް ހުށަހެޅިފައެވެ. އަދި ކުރިޔަށް އޮތް އީދު ބަންދަށް ފަހު، އިތުރު ބިލްތައް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް އަޙުމަދު އުޝާމް: ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވީހާ ވެސް އަވަހަކަށް ގެނައުން ކަމަށް --

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލްތައް:

  • ދައުލަތުގެ ހިންގުން - 9

  • ދުސްތޫރީ އަދި ގާނޫނީ ކަންކަން - 15
  • އިސްލާމްދީނާއި ގައުމިއްޔަތު - 8
  • ހައްގުތަކާއި މިނިވަންކަން - 8
  • ސިއްހަތާއި ދުޅަހެޔޮކަން - 11
  • ގައުމީ ސަލާމަތާއި ޚާރިޖިއްޔާ - 15
  • ތިމާވެށި - 9
  • ބިމާއި މުދަލާއި އުމްރާނީ ތަރައްގީ - 11
  • ކޮރަޕްޝަނާ ކުށްކުރުން ހުއްޓުވުން - 22
  • އާއިލާއާއި މުޖުތަމައު - 20
  • ދަތުރުފަތުރާއި މުވާސަލާތު - 8
  • ފައިސާއާއި މާލީ ކަންކަން - 22
  • ތައުލީމާއި މަސައްކަތްތެރިކަން - 7
  • ވިޔަފާރިއާއި އިގްތިސާދު - 22
  • ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގާނޫނުތައް - 26

ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި، އިސްކަންދީފައި ބިލުތަކުގެ ތެރޭގައި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލަންޖެހޭ ބިލްތައް ހިމެނެއެވެ. އަދި ގާނޫނު އަސާސީއާ ތަޢާރުޟުވުމުގެ ސަބަބުން ބާތިލްކުރަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލްތަކުގެ އިތުރުން، ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ގާނޫނެއް ނެތުމުގެ ސަބަބުން ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތަކާ ގުޅޭ ބިލްތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ އަދި އުވާލަންޖެހޭ ބިލްތަކާއި، މުޅިން އަަލަށް އެކުލަވާލާ ބިލްތަކުގެ އިތުރުން ވެސް، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރާއްޖޭގައި އަމަލުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް އޭގެ ތެރޭގައި ހިމެނިފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވީހާ ވެސް އަވަހަކަށް ގެނައުމެވެ.