17 Jun 2012, 12:09
އެމްޑީޕީގެ 2500 މެންބަރުނަށް ނޭނގި އެހެން ޕާޓީތަކުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
އެ މައްސަލަ ފެންމަތިވީ އިއްޔެ އެ ޕާޓީ އިން ބޭއްވި އެތެރޭގެ އިންތިހާބުގައި ވޯޓްލުމަށް ދިޔަ ބައެއް މީހުން ރަޖިސްޓްރީގައި ނެތުމުން ކަމަަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލްގެ ނައިބް އަހުމަދު އަކްރަމް ވިދާޅުވީ، އެ ޕާޓީގެ ބަޔަކު ރަޖިސްޓްރީގައި ނެތްކަން އެނގުނީ އެ މީހުން ވޯޓުލުމަށް ދިޔަ އިރު، އެ މީހުންގެ ނަންތައް ރަޖިސްޓްރީގައި ނެތުމުން ކަމަށެވެ. އަދި އޭގެތެރެއިން އެންމެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައި ވަނީ، ދާދިފަހުން އެމްޑީޕީ އިން ވަކިވެވަޑައިގަތް، އެ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި އެ ޕާޓީގެ ނާއިބު ރައީސް އަލްހާން ފަހުމީ އަދި ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ގުޅިވަޑައިގަތް ޖުމްހޫރީ ޕާޓީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެތެރެ އިން 1300 އެންހާ މީހުން ތިބީ ޖުމްހޫރީޕާޓީގައި އަދި ޕީޕީއެމްއާއި ގައުމީ ޕާޓީގައި ވެސް އެބަތިބި އެމީހުނަށް ނޭނގި ރަޖިސްޓުރީކޮށްފައި،" އަކުރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އެ މައްސަލަ މެންބާޝިޕް ކޮމެޓީ ބަލަމުން އަންނަ ކަމަށާއި އެކަމަށް ގޮތެއް ނިންމާނީ އެބޭފުޅުން މަޝްވަރާކޮށްފައި ކަމަށެވެ.
"އިއްޔެ ވަނީ ގިނަ މެންބަރުން އަލުން ފޯމުވެސް ފުރާފައި ވަނީ. މިކަމަށް ގޮތެއް ނިންމާނީ މެންބާޝިޕް ކޮމެޓިން މަޝަވަރާކޮށްފައި،" އަކުރަމް ވިދާޅުވި އެވެ.