13 Jun 2024, 23:39
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ގައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ބުނީ މި ޕްރޮގްރާމް ފަށާއިރު ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ސެޓްފިކެޓް ލެވެލް ތިނެއްގެ ތަމްރީނުތަކުން ކަމަށެވެ.
އެ އޮތޯރިޓީން ބުނީ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ދާއިރާއަކަށް ބޭނުންވާ ފަންނީ ހުނަރުވެރިން ތަމްރީނުކުރުމަށް ހިންގާ ތަމްރީނުތަކެއް ކަމަށެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް، މޯލްޑިވްސް ޕޮލިޓެކްނިކްގައި ފަށަނީ--ފޮޓޯ: މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ
މިގޮތުން ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން މަސައްކަތް
ދަސްކުރާނެ ޕްރޮގަރާމަކަށްވާތީ މި ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވާނެ މީހުން ނެގުމަށް އިޢުލާނުކުރުމަށްފަހު، އެޕްލިކޭޝަން ފޯމުތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތު މާހައުލުގައި ތަމްރީނު
ފުރިހަމަކުރުމަށް ބޭނުންވާ މުއްދަތުގައި ތިބެވޭނެ މީހުންނަށް އިސްކަންދޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ތަމްރީނު ހޯދުމަށް ދަރިވަރުން ފޮނުވޭނީ އެ ތަމްރީނަކާ ގުޅޭ މަސައްކަތްކުރާ ތަނަކަށް ކަމަށާއި މަސައްކަތް ދަސްކޮށްދިނުމުގައި ހަރަކާތްތެރިވާނީ އެ ތަންތަނުގައި މަސައްކަތްކުރާ ތަޖުރިބާކާރުން ނުވަތަ ސުޕަވައިޒަރު ފެންވަރުގެ އިސް މުވައްޒަފުން ކަމަށެވެ.
މީގެތުރުން ތަމްރީނުތައް ހިނގަމުންދާ މުއްދަތުގައި ތަމްރީނުހޯދާ ފަރާތްތަކަށް ލިބެމުންދާ މައުލޫމާތާއި ދަސްވަމުންދާ މަސައްކަތްތަކަކީ ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްގައި ހިމެނޭ މަސައްކަތްތޯ ބަލައި، ކަށަވަރުކުރުމާއި ތަމްރީނުވަމުންދަނީ ކަނޑައެޅިފައިވާ މިނަށްތޯ ބަލާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތުވަނީ އެ އަތޯރިޓީ އިން ހުޅުވާލާފައެވެ. އަދި މި ފަށާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ދަށުން ކޯސްތައް ޕޮލިޓެކްނިކްގެ އެހީގައި އަތޮޅުތަކުގެ ރަށްރަށުގައި ކުރިޔަށްގެންދިއުމުގެ ފުރުސަތު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކަށްވެސް ހުޅުވާލެވިފައިވާ ކަމަށް އެ އަތޯރިޓީއިން ބުންޏެވެ.