މާލެ ސަރަހައްދުގެ މިސްކިތްތަކާއި މައިދާނުތައް ހިމެނޭ ގޮތަށް 28 ތަނެއްގައި އަޟްހާ ޢީދު ނަމާދު ކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން މިއަދު ވަނީ މާލެ ސަރަހައްދުގައި އީދުނަމާދު ކުރާނެ ތަންތަން އިއުލާންކޮފައެވެ. މިގޮތުން މިފަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސަރަހައްދުގައި ބޮޑުޖަމާތުގައި ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ މާފަންނު ސްޓޭޑިއަމާއި ވިލިނގިލީ ބޯޅަދަނޑާއި ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައެވެ. މާާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި:

* މަސްޖިދުއްސުލްތާން މުހަންމަދު ތަކުރުފާން އައުޒަމް (އިސްލާމީ މަރުކަޒު)
* މަސްޖިދު މަލި ސަލްމާން
* މަސްޖިދުލްފުރުގާން
* މަސްޖިދުއްނޫރު
* މަސްޖިދުއް ޝަހީދު އަލީ
* މަސްޖިދުލްސުލްތާން ހަސަން އިއްޒައްދީން (ތައިބާ މިސްކިތް)
* މަސްޖިދުލްސުލްތާން މުހަންމަދު ފަރީދުލް އައްވަލު (ދުބުރި މިސްކިތް)
* މަސްޖިދު ޝަހީދު އަބްދުލްރަޙްމާން (ފަނޑިޔާރު މިސްކިތް)
* މަސްޖިދުލްސުލްތާން މުހަންމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
* މަސްޖިދު ސަލާހުއްދީން
* މަސްޖިދު ޖަލާލުއްދީން
* މަސްޖިދު އިބްރާހިމް
* މަސްޖިދު އިސްކަންދަރު
* ވަގުތީ މިސްކިތް (ބޮޑުގެ)
* މަސްޖިދުއްސުލްތާން މުހަންމަދު އިމާދުއްދީން (ރަން މިސްކިތް)
* މަސްޖިދުއްޝައިހް މުހަންމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރާނީ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ. އޭގެ އިތުރުން މަސްޖިދު އުސްމާން ބިން އައްފާން، މަސްޖިދު ޙަސަން އާދަމްް އަދި މަސްޖިދު އަމީލް ޖަލީލްގައި އީދު ނަމާދު ކުރާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަން ޖެހިއްޖެ ނަމަ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ.

ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް އީދު ނަމާދުކުރެވޭނެ ޖާގަ ހަމަޖައްސާފައިވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކަލަންޑަރުގައި އޮތް ގޮތުން މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މިމަހުގެ 17ވާ އާދިއްތަ ދުވަހެވެ. ނަމަވެސް ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ހައްޖުމަހުގެ ހަނދު ފެނުމުން، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިޢާޔަތްކޮށް، މި އަހަރުގެ ހައްޖު މަހުގެ އެއްވަނަ ދުވަސް އަވަސްކޮށް، ހަތެއް ޖޫންވާ ހުކުރު ދުވަހަށް ބަދަލުކުރީއެވެ.

އެހެންވެ، އަހަރުގެ ޢަރަފާތު ދުވަހަކީ މިމަހުގެ 15ވާ ހޮނިހިރު ދުވަސްކަމަށާއި، އަޟްޙާ ޢީދު ދުވަހަކީ 16 ޖޫންވާ އާދިއްތަ ދުވަސްކަމުގައިވަނީ ކަނޑައަޅާފައެވެ.