13 Jun 2024, 17:01
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް, ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވާކަން ހާމަކޮށްފައެވެ.
ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ޝިއުރީއަށް ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ލިބިފައިވެއެވެ.
ޝިއުރީގެ އަނބިކަނބަލުންނަނީ، މިދިޔަ ޖެނުއަރީ މަހު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯއަކަށް އައްޔަންކޮށްފައިވާ އާމިނަތު ސޫޒަން އެވެ.
އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމަށް މި ސަރުކާރުގައި ފުރަތަމަ އައްޔަންކުރި ފާތިމަތު ތައުފީގު މިމަހުގެ 22ގައި ވަކިކުރުމުންނެވެ. އެއަށްފަހު މިހާތަނަށް އެ ކޯޕަރޭޝަނުގެ ހިންގުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމެވެ.
ފާތިމަތު މަގާމުން ވަކިކުރުމުގެ އެއް ދުވަސް ކުރިން، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު މަގާމުން އިސްތިއުފާ ދެއްވިއެވެ.
އެމްއެމްޕީއާރުސީ ހިންގަމުން އަންނަ ގޮތާ ގުޅޭ ގޮތުން ކުންފުނީގެ ވެރިންގެ މެދުގައި އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާ ދެމެދުގައި ވެސް ދެބަސްވުން އުފެދި، މައްސަލަ ގޯސްވެފައިވާ ކަމަށް އޭރު ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް، މިނިސްޓަރު ފައިސަލް ވަނީ އެ ތުހުމަތު ދޮގުކުރައްވައިފައެވެ.
ދައުލަތުގެ އިތުރު ކުންފުނިތަކުގެ މަގާމުތަކަށް ވެސް މިދިޔަ މަހު ޕީސީބީން ބަދަލުތަކެއް ގެނައެވެ. އެގޮތުން، މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދާއި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހުމަދު ޒުހޫރު މަގާމުން ވަކިކޮށްފައިވެއެވެ.
ސަރުކާރުން ބުނެފައިވަނީ، އެ މަގާމުތަކަށް ބަދަލު ގެންނަނީ ކަންކަން ރަނގަޅުކޮށް، ފަސޭހަކުރަން ކަމަށެވެ.