17 Jun 2012, 11:41
ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ މެންބަރުން މިދިޔަ މާޗް މަހު މަސައްކަތް ނުކޮށް ކޮމިޓީ އެލަވަންސަށް ކޮންމެ މެންބަރަކަށް 20000 ރުފިޔާގެ އެލަވަންސް ނަގަން ކޮމިޓީން ފާސްކުރި މައްސަލަ އެންޓި ކޮރެޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ މަޖިލިހުގެ މެންބަރުން މިދިޔަ މާޗް މަހު ކޮމިޓީ އެލަވަންސް ނަގަން ނިންމި މައްސަލަ އޭސީސީ އަށް އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
"ބަޔަކު އެ މައްސަލަ ވަނީ މިތަނަށް ހުށައަޅާފައި. މިހާރު މިދަނީ އެ މައްސަލަ ބަލަމުން. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވަކި ގޮތަކަށް ނިމޭނެ ކަމަށް އުއްމީދު ކުރެވޭ،" ލުތުފީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރުގެ މާޗް މަހުގައި ހުއްޓިފައި އޮތް ދުވަސްވަރު ވެސް ކޮންމެ މެންބަރަކަށް 20000ރ.ގެ ކޮމެޓީ އެލަވަންސް ދިނުމަށް މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ކޮމެޓީ ނުބާއްވާ މާޗް މަހުގެ އެލަވަންސްގެ 20000ރ. ކޮންމެ މެންބަރަކަށް ދިނުމަށް ވޯޓް ދެއްވީ އެމްޑީޕީގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން އޭދަފުށި ދާއިރާގެ މެންބަރު ރެޑްވޭވް އަހުމަދު ސަލީމެވެ. މާޗް މަހުގެ ކޮމެޓީ އެލަވަސް ނުނެގުމަށް ވޯޓް ދެއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ.
ކޮމެޓީ ބައްދަލުވުން ނެތް ކަމަށް ބުނެ މީޑިއާ ނެރުމަށް ފަހު ވޯޓު ނެގި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އެވެ.
ކޮމެޓީގެ މަސައްކަތް ކުރިއަށް ނުގެންދާ މާޗް މަހުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފިޔަވައި، ދެން ތިއްބެވި 76 މެންބަރުންނަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މަޖިލީހުގެ ރައީސް ކޮމެޓީއެއްގައި ހިމެނިވަޑައިއެއް ނުގަންނަވަ އެވެ.
މި އަހަރުގެ މާޗް މަހުގައި ކޮމެޓީ މަސައްކަތްތައް ނެފެށި މަޑުޖެހުނީ ރައީސުލްހުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ހުށަހަޅުއްވަން އުޅުނު ރިޔާސީ ބަޔާނަށް އެމްޑިޕީން ދެ ފަހަރެއްގެ މަތިން ހުރަސްއަޅައި މަޖިލިސް ހުއްޓިފައި އޮތުމުންނެވެ. މާޗް 19، 2012ގައި ރައީސް ވަހީދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވި ނަމަވެސް މަޖިލީހުގެ ތަކެއްޗަށް ގެއްލުން ލިބުމާ ގުޅިގެނެ ނެވެ.