ސަޢޫދީއަރަބިޔާގެ ވަލީއަހުދު އަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒު އަވަހާރަ ވުމާއިގުޅިގެން ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އައްސައުދަށް ތައުޒިއާ ވިދާޅުވެއްޖެ އެވެ.

ސައޫދީ ރަސްގެފާނަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، އެ ޤައުމުގެ ވަލީ އަހުދު އަވަހާރަވި ހަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސައޫދީ އަރަބިއްޔާގެ ކުރިއެރުމަށާއި، އެޤައުމުން ޓެރަރިޒަމް ނައްތާލުމަށް ނާއިފް ބިން ޢަބްދުލްޢަޒީޒް ކުރައްވާފައިވާ މަސައްކަތްތައް ފުހެވިގެން ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ރަސްގެފާނަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.

އަމީރު ނާއިފް އަވަހާރަވީ އިއްޔެ އުމުރުފުޅުން 78 އަހަރުގައި ސުވިޒަލޭންޑުގެ ޖެނީވާގަ އެވެ.