ޔޫރޯގައި ޕޮލެންޑު ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޮލަންޑު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރަނީ ނެދަލެންޑްސްއާއެވެ. ލެވަންޑޮސްކީ ނެތުމަކީ މުޅި ޓީމަށްވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ލެވަންޑޮސްކީ ފިޓުވާން ދުވަސްކޮޅެއް ނަގާނެއެވެ. އަނިޔާވެފައިވަނީ އޭނާ ފައިގެ ފަލަމަސްގަނޑަށެވެ.

ލެވަންޑޮސްކީއަށް އަނިޔާވެފައިވަނީ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ތުރުކީއާ ދެކޮޅަށް ޕޮލެންޑު ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. މި މެޗުގައި ލެވަންޑޮސްކީ ބަދަލުކޮށްފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ.

މެޗަށްފަހު ހެދި ޓެސްޓުތަކުން ލެވަންޑޮސްކީ ފިޓުވާން ދުވަސްކޮޅެއް ނަގާނެކަމަށް ޑޮކްޓަރުން ބުނެއެވެ. އެހެންކަމުން ޔަގީންކަމާއެކު އޭނާއަށް ފުރަތަމަ މެޗު ނުކުޅެވޭނެކަން ވަނީ މެޑިކަލް ޓީމުން ޔަގީންކޮށްދީފައެވެ.

ލެވަންޑޮސްކީ އެންމެ އަވަހަށްވެސް ޔޫރޯއިން ފެނުން ގާތީ ޕޮލެންޑުން އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. ނަމަވެސް އެއީ އޭނާ މުޅިން ފިޓުވެއްޖެ ނަމައެވެ.

ޕޮލަންޑް ހިމެނެނީ ގްރޫޕް ޑީގައެވެ. ގްރޫޕް ޑީގައި ޕޮލަންޑް އާއެކު ދެން ހިމެނެނީ ނެދަލަންޑްސް އާއި އޮސްޓްރިއާގެ އިތުރުން ފްރާންސެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑްގެ ފުރަތަމަ މެޗުގައި އެ ޓީމުން މި މަހުގެ 16 ވަނަ ދުވަހު ނިކުންނާނީ ނެދަލެންޑްސް އާ ދެކޮޅަށެވެ.