މާލެ ފަތާ ޓްރެކް ކައިރީގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ، ގެއްލުންތަކެއް ރޭ ވެއްޖެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން، އެމްއެންޑީއެފުން ބުނީ، މާލޭ ދެކުނު ފަރާތު ބޭރު ތޮށި ކައިރީގައި އަޅާފަ އޮތް ލޯންޗެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 12:42 ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިގޮތުން، އެފްއާރުސީއެމްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ލޯންޗުގައި ރޯވެފައި ހުރި އަލިފާން ނިއްވާލާފައި ވަނީ ރޭ 12:56 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓް ލިބިފައިނުވާ ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވެފައި ހުރީ ލޯންޗުގެ އިންޖީނުތަކުގައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަދުން ނަމަވެސް އަލިފާނު ހާދިސާތައް ހިނގައެވެ. މިފަދަ ހާދިސާތަކުގައި ބައެއް ފަހަރަށް ބޮޑެތި ގެއްލުންތައް ވެސް ލިބިފައި އެބަ ހުއްޓެވެ.