17 Jun 2012, 10:22
ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ނ. އަތޮޅުގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ނައްތާލުމުގެ ފެންވަރު ރަނގަޅު ނިޒާމެއް ގާއިމް ކުރުމަށް ހިންގާ 6.5 މިލިޔަން ޑޮލަރުގެ މަޝްރޫއު އިއްޔެ އިފުތިތާހުކޮށްފި އެވެ.
"މޯލްޑިވްސް އެންވަޔަރްމެންޓަލް މެނޭޖްމެންޓް ޕްރޮޖެކްޓު( އެމްއީއެމްޕީ)"ގެ ނަންދީފައިވާ އެ މަޝްރޫއުގެ މަގުސަދަކީ އިގުތިސާސީ އަދި އިޖުތިމާއީ އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްކޮށް، ކުނީގެ ސަބަބުން މީހުންގެ ސިއްހަތަށާއި ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުން ކަމަށް އެންވަޔަރް މިނިސްޓްރީން ބުންޏެވެ.
ވޯލްޑް ބޭންކުން ލޯނެއް ނަގައިގެން ހިންގާ އެ މަޝްރޫއުގެ ދަށުން ހަތަރު އަތޮޅުގެ މީހުން ވެސް ކުނި ގެންގޮސް ޖަމާ ކުރާ އަދި ރައްކާތެތި ގޮތެއްގައި ކުނި ނައްތާލާނެ ނިޒާމެއް ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ވަންދޫގައި ގާއިމް ކުރާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން އެ ރަށުގައި ކުނި ނައްތާލާނީ އިންސެނަރޭޓަރުން ކަމަށާއި އެއީ ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަވާ ފަދަ ގޮތަކަށް ކުނި އަންދާލަން ފަސޭހަ ނިޒާމެއް ކަމަށްް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
އަދި ބުނީ ކުނި ނައްތާލުމުގެ ނިޒާމު ރ. ވަންދޫގައި ގާއިމް ކުރުމަށް ނިންމީ އެއީ ހަތަރު އަތޮޅުގެ ރައްޔިތުންނަށް ވެސް ދަތުރުކުރުމަށް ފަސޭހަވާ ފަދަ ތަނެއްގައި އޮތް ރަށަކަށް ވާތީ ކަމަށެވެ. އެގޮތުން އެ ރަށަކީ ހަތަރު އަތޮޅުގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް އާދައިގެ ދޯނި ފަހަރުގައި ތިން ގަޑިއިރުން އަދި ހުރިހާ މީހުންނަށް ހަތަރު ގަޑި އިރުން ދަތުރުުކުރެވޭނެ ހިސާބުގައި އޮތް ރަށެއް ކަމަށް، އެ މަޝްރޫގެ ދަށުން ކުރި ދިރާސާ އިން އެނގިފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
މަޝްރޫއުގެ ދަށުން ރަށުފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތް ދުވާފަރުގައި ވަނީ ފަށާފަ އެވެ. އެގޮތުން އެ ރަށުގެ ގޮނޑަށް ޖަމާވެފައިވާ ހުރިހާ ކުންޏެއް އިއްޔެ ވަނީ ބާޖަކަށް ބަރުކޮށް، ރަށުުން ބޭރުކޮށްފަ އެވެ.
ދުވާފަރަކީ ކުނި އުކާލުމުގެ މަސައްކަތް އެ އުސޫލުން ފުރަތަމަ ފެށުމަށް ހަމަޖައްސާފައިވާ ފަސް ރަށުގެ ތެރެއިން އެއް ރަށެވެ. އެ މަސައްކަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާ އަނެއް ހަތަރު ރަށަކީ ބ. އޭދަފުށްޓާއި ޅ. ހިންނަވަރާއި ޅ. ނައިފަރު އަދި ނ. މަނަދޫ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.
ވަންދޫގައި ގާއިމް ކުރާ ކުނި ނައްތާލުމުގެ ނިޒާމް ގާއިމް ކުރަންދެން އެ ރަށްތަކުން ކޮންމެ ތިން މަހުން އެއްމަހު ކުނި އުފުލުމަށް ހަމަޖެހިފައިވާ އިރު އެ މަސައްކަތުގެ އަގުގެ 80 ޕަސެންޓް ހަރަދުކުރަން ހަމަޖެހިފައި ވަނީ ކުނި އުފައްދާ ފަރާތްތަކުގެ އަތުން އަގު ނަގައިގެންނެވެ.
ކުނި ނައްތާލުމުގެ މަޝްރޫ އިފްތިތާހު ކޮށްދެއްވީ ދުވާފަރުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރު އޮފް އެންވަޔަރުމެންޓް އެންޑް އެނަޖީ މަރިޔަމް ޝަކީލާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަކީލާ ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުުރުމަކީ މިހާރު ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯދުމަކީ ސަރުކާރުން ވަރަށް އިސްކަަންދޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ 2013 ވަނަ އަހަރު ނިމުމުގެ ކުރިން އެ ސަރަހައްދުގެ ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި އެމަސައްކަތް ނިމޭއިރު ވެގެން ދާނީ ރާއްޖޭގައ މިހާތަނަށް ގާއިމް ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ ފުރިހަމަ ނިޒާމަށް ކަމަށެވެ.
ޝަކީލާ އަދި ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމް ކުރެވޭނީ ކުނި އުފައްދާ ފަރާތްތަކުން ވެސް ޒިންމާ ނަގައި، ހަރަދުގެ ބައެއްގައި ހިފައިގެން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން، ދެެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރުގައި ހިދުމަތެއް ގާއިމް ކުރެވޭނީ ކުނި އުފައްދާ ފަރާތްތަކުން މިއީ ވެސް ޒިންމާއެއްކަން ދަނެގެން، ހެޔޮގޮތުގައި ނައްތާލުމުގެ ހަރަދުން ބައެއް ނަންގަވައިގެން،" ޝަކީލާ ވިދާޅުވި އެވެ.
އެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ހަތަރު އަތޮޅުގައި މީހުން އުޅޭ 46 ރަށް އޮންނަ އިރު 6911 ގޭބިސީ ހުރެ އެވެ. އަދި 43539 މީހުން ދިރިއުޅޭ އެ ހަތަރު އަތޮޅުގައި 226 ފަޅުރަށާއި 14 ރިސޯޓާއި ރިޒޯޓް ހަދަން ދޫކޮށްފައިވާ 15 ރަށުގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރާ ނުވަ ރަށް އޮވެ އެވެ. އަދި އެ ހަތަރު އަތޮޅުގައި ދުވާލަކު 52 ޓަނު ކުނި އުފެދޭ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ކުރި ސާވޭ އިން ވަނީ އެނގިފަ އެވެ.