12 Jun 2024, 19:40
އަދިވެސް މަސްވެރިންގެ ކަނބޮޑުވުންތަކަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމުގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށާއި ސީދާ ޖަވާބެއް ލިބުނީމާ ނޫނީ އިހުތިޖާޖު މެދުކަނޑައިނުލާނެ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ބުނެފިއެވެ.
މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީއާއި ލޭނު މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން މަސް ދޯނިތަކެއް މާލޭ ފަޅަށް ވަދެ މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ.
މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެއްވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ ރައީސް ވިދާޅުވީ އަދިވެސް ޖަވާބު ފުރިހަމަ ގޮތުގައި ނުލިބޭ ކަމަށެވެ. އެހެންވެ އަދިވެސް ޖަވާބެއްގެ އިންތިޒާރުގައި އެއް ނަމްބަރު ޖެޓީ ކައިރީގައި މަޑުކޮށްލައިގެން ތިބި ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
"ޖަވާބެއް ލިބެންދެން އަޅުގަނޑުމެން މަސްވެރިން ތިބީ ހަމަ އިހުތިޖާޖު ކުރިއަށް ގެންދާ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަރަށް ސާފުކޮށް ވަޒީރަށް މަސްވެރިންގެ ޑިމާންޑުތައް ކިޔައިދީފައިވާ ކަމަށެވެ. އަދި އެއީ އެއްދުވަހުން ވާނެ ކަންކަން ނޫންކަން ގަބޫލު ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް މަސްވެރިންގެ އެ ޑިމާންޑުތަކުގެ ތެރެއިން ކޮންމެވެސް އެއްކަމެއް މިއަދު ކޮށްދެއްވުމަކީ މަސްވެރިންގެ އެދުން ކަމަށެވެ.
އޭރުން މަސްވެރިން ކުރަމުން އެ ގެންދާ އިހުތިޖާޖު ނިންމައިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ހެނދުނުން ފެށިގެން މަސްވެރިން ވަނީ ރާއްޖޭގެ ދެ ސަރަހައްދެއްގައި އިހުތިޖާޖު ކުރަން ފަށައިފައެވެ. އެއަށް ފަހު މާލޭ ފަޅަށް ވަދެ ވެސް މަސްވެރިން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ފާޅުކުރަން އިހުތިޖަޖު ކުރިއަށް ގެނގޮސްފައެވެ.
އެ ސަރަހައްދުން ވަޒީރު ވެސް ވަނީ މަސްވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވައިފައެވެ. އަދި ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން ބޭނުންވަނީ މަޝްވަރާގެ މަތިންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގައި މިއަދު މުޒާހަރާ އިންތިޒާމުކޮށް ފެށީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުރަތަމަ މުޒާހަރާ ކުރުމަށް ފަހު، އޮޑިތައް މާލެއަށް މިސްރާބު ޖަހައި މާލޭ ފަޅު ކައިރިއަށް ޖަމާވިއެވެ.