12 Jun 2024, 17:52
ކުންފުނީގެ ގާނޫނު ތަސްދީގު ކުރިފަހުން، އެގާނޫނާއި އެއްގޮތް ކުރުމަށްފަހު، ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދު ފާސްކުރި ފުރަތަމަ ޕަބްލިކް ލިސްޓަޑް ކުންފުންޏަކަށް އެމްޓީސީސީ ވެއްޖެއެވެ.
މިގޮތުން، ކުންފުނީގެ ގާނޫނު ތަސްދީގުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
އެ ކުންފުނިން އިއްޔެ ބޭއްވި ޚާއްސަ އާންމު ޖަލްސާގައި ވަނީ 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްކޮށްފައެވެ.
އެމްޓީސީސީން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން، 2022 ވަނަ އަހަރުގެ ފައިދާއަށް ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.
އެ ކުންފުނިން ބުނީ އެ ޖަލްސާގައި 47 ހިއްސާދާރުން ބައިވެރިވި ކަމަށާއި އެއީ ޖުމްލަ 5.5 މިލިއަން ހިއްސާ ކަމަށެވެ.
އެ ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ހިއްސާދާރުންގެ ތާއިދާއެކު ފާސްކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކުންފުނީގެ ގާނޫނު ތަސްދީގު ކުރި ފަހުން އެމްޓީސީސީއަކީ، ގާނޫނާ އެއްގޮތް ކުރުމަށް ފަހު ކުންފުނީގެ އަސާސީ އަދި ހިންގާ ގަވައިދު ފާސްކުރި ފުރަތަމަ ޕަބްލިކް ލިސްޓެޑް ކުންފުންޏެވެ.
އެމްޓީސީސީން މިދިޔަ އަހަރުގެ މާލީ ރިޕޯޓް މިއަދު އާންމުކޮށްފައިވާއިރު، ނިމިދިޔަ 2023ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، އެ ކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.