17 Jun 2012, 10:05
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމުހުރިއްޔާ ކަމުގެ މަގާމުން އިސްތިއުފާދެއްވަމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީ ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.
ދައުލަތުގެ ނިޝާން ޖެހި ރައީސުލްޖުމްހޫރިއްޔާގެ ލެޓާހެޑްގައި، މި އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ތާރީހުގައި ނަޝީދުގެ އަމިއްލަ އަތްޕުޅުން ލިއުއްވައި މަޖިލިހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ނަޝީދު ވިދާޅުވެފައި ވަނީ "ރާއްޖެ ހާލަތު މިއަދު އޮތް ގޮތުން، އަޅުގަޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްްޖެ ނަމަ ރާއްޖެ އަށާއި ރައްޔިތުންނަށް ނުހަނު ގެއްލުން ދެވިދާނެ ކަމަށް އަޅުގަޑަށް ފެންނަ ކަމުން، އަޅުގަޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދީފި" ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ނެރެފައިވާ ޓައިމްލައިނުގައި ބުނެފައި ވަނީ ނަޝީދު އެ ސިޓީ ލިއުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. ނަމަވެސް ނަޝީދު ތަފާތު ފަހަރު ތަފާތު ގޮތްގޮތަށް އެ ވާހަކަ ދައްކަވައި އެ ސިޓީ ލިއުއްވީ ސިފައިންގެ މައި މަރުކަޒު، ބަނޑޭރިގޭގައި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ނަޝީދު ރައީސް އޮފީހުގެ ޕޯޑިއަމްއެއްގެ މަތީގައި ގަނޑެއް ބާއްވަވައިގެން އެ ސިޓީ ލިއުއްވާ ފޮޓޯތައް އާންމުވުމުން ވިދާޅުވެފައި ވަނީ ސިޓީ ލިއުއްވީ ކޮން ތަނެއްގައި ހުންނަވައިގެން ކަން ހަދުމަފުޅުގައި ނެތް ކަމަށެވެ.
http://www.sun.mv/uploads/l_19314136.jpg