މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން މުދާ ބޭރުކުރާ މިންވަރަށް ވުރެ އެތެރެކުރާ މިންވަރު އިތުރުވެ، ކަޅުބިލަމަސް އެކްސްޕޯޓް ކުރި މިންވަރު 64 ޕަސެންޓް ދަށްވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ނެރުނު ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ޓްރޭޑް ޑެފިސިޓް ވަނީ 768.5 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑެފިސިޓް ހުރީ 669.3 މިލިއަން ޑޮލަރުގައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކްސްޕޯޓުން 31.5 މިލިއަން ޑޮލަރު ލިބިފައިވާއިރު އެއީ 41 ޕަސެންޓްގެ ދަށްވުމެކެވެ. އެ ދަށްވުމުގެ މައިގަނޑު ސަބަބަކީ ގަނޑުކޮށްފައި ހުންނަ ކަޅުބިލަމަސް އެކްސްޕޯޓް ކުރާ މިންވަރު ދަށްވުން ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ތާޒާ އަދި ފިނިކޮށްފައި ހުންނަ ރީނދޫ އުރަހަ މަސް އެކްސްޕޯޓް ކޮށްގެން ލިބޭ އާމްދަނީ ވެސް މި ކުއާޓަރުގައި ވަނީ 57 ޕަސެންޓް ދަށްވެފައެވެ. އެގޮތުން އެ ބާވަތުގެ މަހުން މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނީ 3.3 މިލިއަން ޑޮލަރެވެ.

އެއާ ޚިލާފަށް، ދަޅުގަޔާއި ޕެކްޓްކޮށްފައި ހުންނަ މަހުން ލިބުނު އާމްދަނީ ވަނީ ފަސް ޕަސެންޓް އިތުރުވެފައެވެ.

ފުރަތަމަ ކުއާޓަރުގައި 899.8 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު އެއީ 12 ޕަސެންޓްގެ އިތުރުވުމެކެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ތެލުގެ އިމްޕޯޓަށް ޚަރަދުކުރި މިންވަރެވެ. އެގޮތުން ތެލަށް ކުރި ހޭދަ 25 ޕަސެންޓް އިތުރުވެފައިވާއިރު ޑީސަލަށް ޚަރަދުކުރި މިންވަރު ވަނީ 27 ޕަސެންޓް އިތުރުވެފައެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ މަސްވެރިކަމުން އެކަށީގެންވާ އާމްދަނީއެއް ނުލިބުމަކީ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ.

މަސްވެރިން ކުރާ މަސައްކަތަށް ގަވައިދުން ފައިސާ ނުލިބުމުގެ މައްސަލައިގައި މިއަދު ވެސް ރާއްޖޭގެ ދެ ސަރަހައްދެއްގައި މުޒާހަރާކުރަމުންދެއެވެ.