17 Jun 2012, 09:24
މީހުން މެރުން ނުހުއްޓުވިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މީހުން މެރުން ނުހުއްޓުވިިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށާއި އެކަން ހުއްޓުވުމަށް ޓަކައި ކަމާ ބެހޭ މުއައްސަސާތަކަށް އިތުރު ވަސީލަތްތައް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީ ބުނާ ގޮތުން މީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވޭނީ އެކަށީގެންވާ ހެކި ހުރެގެން ކަމަށާއި އެކަން ކުރުމަށް ޓަކައި ފުލުހުންގެ މުއައްސަސާ އަށް ޒަމާނީ ވަސީލަތްތައް ހޯދައިދީ އެތާގެ އޮނިގަނޑު ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ.
"މިއަދުގެ ގާނޫނު އަސާސީގައި މިއޮތީ އެވިޑެންސް ބޭސްކޮށްގެން ކަންތައް ކުރުމަށް. އެހެން ނޫނިއްޔާ މީހެއްގެ މައްޗަށް ހުކުމް ނުކުރެވޭ ގޮތަށް މިއޮތީ. ވަރަށް ގިނަ ޒަމާނީ ވަސީލަތްތައް ގާނޫނު އަސާސީއާ ގުޅޭ ގޮތަށް ފުލުހުންނަށް އަޅުގަނޑުމެން ހޯދައިދޭނެ އެބަޖެހޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުގައި ޖާގަނެތިގެން 500 މީހުން ޖަލަށް ނުލެވިފައި އެބަތިބި ކަމަށާއި އެއީ ވެސް ހައްލުކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުދެމިގެންދާ ކަމަށް ބައެއްފަރާތްތަކުން ބުނަމުންދާއިރު ކޯޓުތަކުގައި ޖާގަ ނެތުމާއި އެކަށީގެންވާ ވަރަށް ފަނޑިޔާރުން ނެތުމުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުށްކުރުން ހުއްޓުވުމަށް ޓަކައި މަޖިލީހުގެ ތެރެއިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޖުމްހޫރީ ޕާޓީން ކުރަމުންގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ކުށްކުރުން މަދުކުރުމަށް ޓަކައި މުހިންމު ގާނޫނެއް ކަމަށްވާ ޖިނާއީ އިޖުރާއަތުގެ ބިލް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފާސްވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ހުޅުމާލެ އާއި އއ. ރަސްދު އާއި ރ. ދުވާފަރާއި އެ އަތޮޅު މަޑުއްވަރީގެ އިތުރުން ހއ. ހޯރަފުށިން ވަނީ ޖުމްލަ 430 ފޯމް އެ ޕާޓީގެ ލީޑަރު ގާސިމާ ހަވާލުކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި 1000 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.