ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޕާލިމްންޓްރީ ގުރޫޕުން 'ދިވެހީން ފަލަސްތީނާ އެކު' ޓެލަތޯން މެދުވެރިކޮށް ދެ ލައްކަ ރުފިޔާ ފަލަސްތީނަށް މިއަދު ހަދިޔާކޮށްފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ޤައުމީ ފެންވަރުގައި 'ފަލަސްތީނާ އެކު ދިވެހީން'ގެ ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިސްނަގައިގެން މިއަދު ހެނދުނު 8:00 ގައި ފެށި ޓެލަތޯން މިރޭ 12:00 ހަމައަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންގެ ފަރާތުން ވަނީ މި ޓެލަތޯންގައި ދެ ލައްކަ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގައި 75 މެންބަރުން ތިއްބަވައެވެ.

ފައިސާ ހަދިޔާކުރުމަށް ފަހުގައި މެންބަރުންނާ އެކު ހުންނަވާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިފަދަ ބޮޑު ޓެލެތޯނެއްގައި ރައްޔިތުން ތަމުސީލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ރައްޔިތުން ތަމުސީލުކުރާ އެންމެ ބޮޑު މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް. އެހެންވެ، ޕީޕީއެމް/ޕީއެންސީން ގަބޫލުކުރީ، އެންމެ ފުރަތަމަ އެއަށް އިޖާބަދޭ ބަޔަކަށް ވާންވާނީ އަޅުގަނޑުމެންނޭ. އެގޮތުން އަޅުގަނޑުމެން ހަމަ މިހާ އަވަހަށް އިންތިޒާމުކޮށްލައިގެން މި އައީ،" އެ މަނިކުފާނު ވިދަޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެދުމަކީ ވަކި މިންވަރަކަށް ނުބަލައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވެ، މިކަމާ މެދު ދިވެހީންގެ ހިތްތަކުގައި ހަގީގަތުގައި ވެސް ކަންބޮޑުވުން އޮތްކަން ދައްކައިދިނުން ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ، ޕީއެންސީގެ ޕީޖީން ކުއްލިއަކަށް ދަންނަވާލި ދަންވާލުމަކަށް ހުރިހާ މެންބަރުންގެ އެހީތެރިކަން ލިބުނު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި، ޚާއްސަ ގޮތެއްގައި ޕީޕީއެމް/ޕިއެންސީގެ މި ޕާލިމްންޓަރީ ގުރޫޕު އޮންނާނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ފަހަތްޕުޅުގައިކަން ހަމަ ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީގެ އިތުރުން ވެސް ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ވެސް އަންނަނީ ފަލަސްތީނާ އެކު ދިވެހީން ޓެލަތޯންގައި ބައިވެރިވެ، ބޮޑެތި އަދަދުތަކުން އެހީވަމުންނެވެ.

މި ޓެލަތޯންގައި ފަންޑު ފޮށިތައް އާންމު ސަރަހައްދުތަކުގައި ބަހައްޓަން ހަމަޖެހިފައިވަނީ އިރުއޮއްސި 6:00 އާ ހަމައަށެވެ. ފަންޑު ފޮށި ބަހައްޓާ 13 ސަރަހައްދުގެ ތެރޭގައި،

  • ހުޅުމާލޭ ދެވަނަ ފިޔަވަހި ހިޔާ ފުލެޓު ސަރަހައްދު

  • ހުޅުމާލޭ ހޮސްޕިޓަލް
  • ވެލާނާ ބިލްޑިން
  • އެސްޓީއޯ ބިލްޑިން
  • އެމްޕީއެލް
  • ސްޓެލްކޯ
  • ފެރީ ޓާމިނަލްތައް
  • އެސްޓީއޯ ސުޕަމާކެޓު ކައިރި
  • ޓީވީއެމް ގޯތި ތެރޭ - މި ފަންޑު ފޮށި މިރޭ 10 އާ ހަމައަށް ހުންނާނެ

ފަންޑު ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި ކަމަށް ޚާއްސަ ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ. އެއީ،

  • ދިވެހި ރުފިޔާ - 7730000655865 - ނަން: ފަލަސްތީނާ އެކު ދިވެހީން

  • ޑޮލަރު - 7730000655866 - ނަން: ފަލަސްތީނާ އެކު ދިވެހީން

މި ޓެލަތޯންގައި އެއްކުރެވޭ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް މެދުވެރިކޮށެވެ. އެއީ، އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ފަލަސްތީނުގެ ހައްގުގައި އަޅާ ފިޔަވަޅެއްގެ ގޮތުން އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނެއް ހަދަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.