ރާއްޖެއިން ފަލަސްތީނަށް ދޭ އެހީ 10 ގުނަ އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށި ދިވެހިން ފަލަސްތީނާއެކު ޓެލެތޯންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޔަހޫދީ އިސްރާއީލުން ދޭ ލާއިންސާނީ ހަމަލާތަކާ ގުޅިގެން މި އަހަރު ރާއްޖެއިން ދޭ އެހީ 10 ގުނަ އިތުރު ކުރައްވަން ރައީސް ޑރ މުހައްމަދު މުޢިއްޒު ނިންމަވައިފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ފަލަސްތީނަށް އެހިވުމަށް އދގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ދޭ ފައިސާގެ އެހީ 50,000 ޑޮލަރަށް އިތުރު ކުރަން ނިންމައިފައިވަ ކަމަށެވެ.

އެއީ ކުރިން ދެމުން އައި 5000 ޑޮލަރުގެ 10 ގުނަ އިތުރު އަދަދެކެވެ.

"ރާއްޖެއިން ދެމުން އަންނަނީ އަހަރަކު 5000 ޑޮލަރު. އެކަމަކު ހަތެއް އޮކްޓޯބަރުން ފެށިގެން އިސްރާއިލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން، މި އަހަރު ރާއްޖެއިން އެހީގެ ގޮތުންގައި 50000 ޑޮލަރު ދޭން ވަނީ ނިންމާފައި. އެއީ މިހާރު ދޭ މިންވަރަށްވުރެ 10 ގުނަ އިތުރު އަދަދު،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ފައިސާ ހަވާލު ކުރާނީ ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

އަދި މިކަން ކުރިއަށްދާގޮތް ބެލުމަށް މިިނިވަން އޮޑިޓަރެއް ކަމަށްވާ ކްރޯ މޯލްޑިވްސް ހަމަޖައްސައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ފެށި ޓެލެތޯންއިން ލިބޭ ފައިސާ، ފަލަސްތީނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އދގައި އެކަމަށް ޚާއްސަ ކޮށްފައިވާ ފަންޑު މެދުވެރިކޮށް ވަރަށް ދެފުއްފެންނަ ގޮތަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ފައިސާ ޚަރަދު ކުރާނީ، އެހީތެރިވުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަޑުތަކަށް ކަމަށެވެ. އަދި މިއީ އދ އިން ކޮންމެ އަހަރަކު އޮޑިޓްކުރާ ފަންޑެއްކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

ފަލަސްތިނާއެކު ދިވެހިން' ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ދަޢުލަތަކީ އދގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށް އަރަބި ގްރޫޕްގެ ފަރާތުން ޔޫއޭއީން ހުށަހެޅި ގަރާރު ރާއްޖެއިން ކޯ ސްޕޮންސާކޮށްފައިވާކަމަށެވެ.

އަދި ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލަން ފާސްކުރި ގަރާރަށް ވެސް ރާއްޖެއިން ތާއީދުކޮށް މަރުހަބާ ކިޔާކަމަށް ވެސް ފޮރިން މިިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ އެންގެވުމަށް ޕިއެސްއެމް އިން މިއަދު ކުރިއަށްގެންދާ މި ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ފެށިގެން މިރޭގެ 12:00 ގެ ނިޔަލަށެވެ. މި ޓެލެތޯންގައި އެސްއެސްޓީވީއިން ވެސް ބައިވެރިވެއެވެ.

މި ޓެލެތޯންގައި މާލޭގެ 13 ސަރަހައްދެއްގައި ވަނީ ފަންޑު ފޮށި ބަހައްޓައިފައެވެ. މި ފޮށި ތަކުގެ ތެރެއިން ޕީއެސްއެމްގެ ގޯތިތެރޭގައި ހުރި ފޮށި ފިޔަވައި ދެން ހުރި ފޮށިތައް މިއަދުގެ އިރު އޮއްސުމާ ހަމައަށް ހުންނާނެއެވެ.