12 Jun 2024, 08:46
ތަޖިކިސްތާނުގައި ބުރުގާ އެޅުން ރަސްމީކޮށް މަނާކުރަން ނިންމައިފިއެވެ.
ބުރުގާ އެޅުމާ ދެކޮޅަށް ތަޖިކިސްތާނުގެ ވެރިރަށް ދުޝާންބޭގެ ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެ ގައުމުގެ އެތައް ހާސް އަންހެނުންނަށް މިއަދު ވަނީ ބުރުގާ އެޅުން ނުވަތަ ވަޒީފާގައި ދެމިހުރުމާ ދެމެދު ގޮތެއް ނިންމަން ޖެހިފައެވެ.
ތަޖިކިސްތާނުގެ ރޭޑިއޯ އޮޒޯޑީއިން ރިޕޯޓްކުރާ ގޮތުގައި ބުރުގާ މަނާކުރާ ރަސްމީ ގާނޫނުތަކެއް މިހާތަނަށް ނެތަސް، ސްކޫލުތަކާއި މަސައްކަތްކުރާ ތަންތަނުގައި ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުރުގާ އެޅުން މަނާކުރަމުންނެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ދާދި ފަހުން ވަނީ ތަޖިކިސްތާނުގެ ސަގާފަތަށް ބީރައްޓެހި ހެދުން އަޅައިގެން އުޅުމާއި އެތެރެކުރުމާއި ވިއްކުން އަދި އިޝްތިހާރުކުރުން ރަސްމީކޮށް މަނާކުރާ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ ޑްރާފްޓް ފާސްކޮށްފައެވެ. ތަޖިކިސްތާނުގެ ސަފާގަތާ ބީރައްޓެހި ހެދުމުގެ ގޮތުގައި ސަރުކާރުގެ ގިނަ އޮފިޝަލުން މާނަކުރަނީ ބުރުގާ ކަމަށް މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވެއެވެ.
އަދި، އެފަދަ ހެދުމެއް ލައިގެން އުޅޭ މީހުންނަށް ބޮޑެތި ޖޫރިމަނާތަކެއް ކުރުމަށް ވެސް ފާސްކޮށްފައިވެއެވެ. އާންމު ފަރުދުން 740 ޑޮލަރާއި ހަމައަށް ޖޫރިމަނާ ކުރެވޭއިރު މުއައްސަސާތަކަށް 5،400 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. ސަރުކާރުގެ އިސްވެރިންނަށާއި ދީނީ އިދާރާތަކަށް އެއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
އެ ޑްރާފްޓްތައް ގާނޫނަށް ބަދަލުވާނީ މަޖިލީހުގެ މަތީ ގެއިން ތަސްދީގުކޮށް، ރައީސް އިމޯމަލީ ރަހުމާން ސޮއިކުރެއްވުމުންނެވެ.
ދުޝާންބޭގެ ބައެއް ރައްޔިތުން ވަނީ ހެދުން އިޚްތިޔާރު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް ގަބޫލުކޮށް ބުރުގާ މަނާކުރުމާ ދެކޮޅުކަން ފާޅުކޮށްފައެވެ.
ސަރުކާރުން ބުރުގާ މައްސަލަތައް 2007 ވަނަ އަހަރު ފެށިއިރު، އާންމު ހުރިހާ މުއައްސަސާތަކަށް ވެސް ބާރު ފޯރުވައި، މަގުމަތިން ވެސް ޖޫރިމަނާކޮށްފައިވެއެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ގައުމީ ހެދުން ޕްރޮމޯޓްކޮށް، 2017 ވަނަ އަހަރު އަންހެނުންނަށް ތަޖިކް ހެދުން އެޅުމަށް އިލްތިމާސްކޮށް މެސެޖުތައް ފޮނުވައި، އަންހެނުންނަށް އާންމުކޮށް އެޅޭނެ ހެދުންތަކާ ބެހޭ ގޮތުން 376 ސަފްހާގެ ގައިޑް ފޮތެއް ވެސް ނެރެފައެވެ.
ބުރުގާ އެޅުން މަނާކުރުމުގެ އިތުރުން ތަޖިކިސްތާނުން ވަނީ ފިރިހެނުން ތުބުޅި ބެހެއްޓުން ވެސް ނުރަސްމީކޮށް މަނާކޮށްފައެވެ. ފާއިތުވި 10 އަހަރު ތެރޭގައި އެތައް ހާސް ފިރިހެނުންގެ ތުނބުޅި ފުލުހުން ގަދަކަމުން ބާލުވައިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އަވައްޓެރި އުޒްބެކިސްތާނުގައި ވެސް ކަން ހިނގާ ގޮތެވެ.
ތަޖިކިސްތާނުގެ ރައީސް އެމޯމޮލޯ ރަހްމާނު ވަނީ އަންހެނުންނާއި ފިރިހެނުންނަށް ވެސް "އެކަށީގެންވާ" ހެދުން އެޅުމުގެ އުސޫލެއް ބެލެހެއްޓުމަށް ޚާއްސަ ކޮމިޝަނެއް އުފެއްދުމަށް 2017 ވަނަ އަހަރު އަންގަވައިފައެވެ. އޭނާ އެންމެ ފުރަތަމަ އެ ވާހަކަދެއްކެވީ 2015 ވަނަ އަހަރެވެ. އެގޮތުން، ބުރުގާ އެޅުމާ ދެކޮޅު ކެމްޕޭނެއް ފައްޓަވައި، ބުރުގާ އަޅައިގެން މަސައްކަތަށް ނުކުތުން މަނާކުރިއެވެ.
ގާތްގަނޑަކަށް އަށް މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާއެއް ކަމަށްވާ ތާޖިކިސްތާނަކީ މުސްލިމުން ގިނަ ގައުމެކެވެ. ރައީސް ރަހްމާނަކީ ވެސް މުސްލިމެކެވެ. ނަމަވެސް، އެ ގައުމުގެ ބުރުގާ އެޅުން މަނާކުރަނީ ހަރުކަށި ދީނީ ފިކުރުގެ ސަބަބުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔަ ފަހުން ތަޖިކިސްތާނުގައި ދީންވެރިކަން އިތުރުވިއެވެ. ނަމާދަށް އިތުރު މީހުން ޝައުގުވެރިވާ ގޮތަށް އާ މިސްކިތްތައް ހަދައި، އިސްލާމީ ދިރާސާ ގްރޫޕްތައް އިތުރުވެ، އިސްލާމީ ސްޓައިލްގެ ހެދުން އަޅަންފެށިއެވެ. ހަމައެއާ އެކު، ތަޖިކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުތަކުގައި ހަތިޔާރު އެޅި ޖަމާއަތްތަކުން ހަރަކާތްތެރިވާން ފެށި ކަމަށް އަލްޖަރީރާއިން މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، މެދުތެރޭ އޭޝިއާގައި ދިރިއުޅޭ މުސްލިމުން ޓެރަރިޒަމްއަށް ހިތްވަރުދޭ މިންވަރާ ބެހޭ ގޮތުން އިނގިރޭސި ތިންކް ޓެންކް ޗެތަމް ހައުސްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މެދުތެރޭ އޭޝިއާގައި އިސްލާމީ ހަރުކަށި ފިކުރުތަކާއި ސިޔާސީ އަނިޔާވެރިކަން މާބޮޑަށް އާންމުވެފައެއްނުވެއެވެ. އަދި، ތަޖިކިސްތާނުން ފަދަ ގައުމުތަކުން ޓެރަރިޒަމް އާންމުވެފައި ކަމަށް ބުނަނީ އެއްވެސް ކަހަލަ ހެއްކެއް ނެތި ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ.