16 Jun 2012, 23:35
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު މިހާތަނަށް ގުނި ވޯޓްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތި ލައްވާފައިވާ ހަމަ އެކަނި ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކެއްގެ ގޮތުގައި އިންތިހާބުވެ ވަޑައިގެންފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ނައިބު އަހްމަދު އަކުރަމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ނަޝީދު އިންތިހާބުވެ ވަޑައިގަތް ކަމަށް ވަގުތީ ނަތީޖާއިން ދައްކާފައިވަނީ އެމްޑީޕީ މެންބަރުންގެ 10 ޕަސަންޓް މީހުން ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ފެންނަ ކަމަށް ވޯޓްދީފައިވާކަން ވަގުތީ ނަތީޖާއިން ދައްކާތީ އެވެ.
އެނާ ވިދާޅުވީ މިހާތަނަށް ގުނާފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 5000 މީހުނަށް ވުރެ ގިނަ މީހުން ނަޝީދަށް ވޯޓުދީފައިވާ ކަމަށެވެ.
ރިޔާސީ ޕްރައިމަރީ ކުރީގެ ރައީސް ނަޝީދު ކާމިޔާބު ކުރެއްވެވި އިރު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމަ އެކަނި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އެ މަގާމަށް އިންތިހާބުވެ ވަޑައިގަތްކަން ވެސް ވަގުތީ ނަތީޖާއިން ވަނީ ދައްކާފަ އެވެ. އެނާއަށް ވެސް 5000 މީހުނަށް ވުރެ ގިނަ މީހުން، ވޯޓުދީފައިވާ ކަމަށް ސެކްރެޓަރީ ޖެނަރަލްގެ ނައިބު ވިދާޅުވި އެވެ.
ޗެއާޕާސަން ކަމުގެ ނައިބު މަގާމަށް ކުރިމަތި ލެއްވެވި އަލީ ޝިޔާމް ވެސް ވަނީ އެ މަގާމަށް އިންތިހާބުވެ ވަޑައިގެންފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރައްވާނަމަ ވޯޓު ހައްގުވާ މީހުންގެ 10 ޕަސެންޓް ވޯޓު ހޯއްދަވަން ޖެހެ އެވެ. ވޯޓު ހައްގުވާ 48،451 މެމްބަރުންގެ 10 ޕަސެންޓަކީ 4،845 ވޯޓެވެ.
އެމްޑީޕީން މިއަދު ހެނދުނު 9:00 ޖެހި އިރު މާލެ އާއި އަތޮޅުތަކުގައި ކުރިޔަށް ގެންދިޔަ އިންތިހާބުތަކުގެ ވޯޓްލުން މިރޭ 7:00 ޖަންދެން ކުރިޔަށް ގެންދިޔަ އެވެ. މި އިންތިހާބުތަކުގެ އެހެން މަގާމުތަކަށް ހޮވުނު ބޭފުޅުންގެ ނަތީޖާތައް އަދި ސާފެއް ނުވެއެވެ.