11 Jun 2024, 23:55
އުރީދޫއިން ޔޫރޯ 2024ގެ ހުރިހާ މެޗެއް ސޮނީ ލިވް އެޕުން ދައްކާނެކަން އިއުލާންކޮށްފިއެވެ.
އުރީދޫން ބުނީ، ޔޫއެފާ ޔޫރޯ 2024ގެ ހުރިހާ މެޗެއް ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ސޮނީ ލިވްއިން ލައިވްކޮށް ބެލޭނެ ކަމަށެވެ. މިގޮތުން 250 ރުފިޔާއަށް 100ޖީބީ ލިބުމުން، 30 ދުވަހަށް ހިލޭ ސޮނީ ލިވް ޕްރީމިއަމް އެކްސެސް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
މި ޕެކް ލައިވް ކުރާނީ މި ހަފުތާ ނިމުމުން ކަމަށް އެކުންފުނިން ބުންޏެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ޚާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަންނަ ހުކުރު ދުވަހު ފަށާ ޔޫރޯ ޗެމްޕިއަންޝިޕްއާ ދިމާކޮށް އުރީދޫއިން ޚާއްސަ ޕްރޮމޯޝަންތަކެއް ވަނީ އިއުލާނުކޮށްފައެވެ.
އެކުންފުނިން ބުނީ އުރީދޫގެ ޔޫރޯ 2024ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓަމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދެވޭ ކަންތައްތަކެއް ކަމަށެެވެ.