11 Jun 2024, 22:00
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދަރިކަލުން ހަންޓާ ބައިޑެން ގާނޫނާ ޚިލާފަށް ބަޑި ގެންގުޅުނު މައްސަލައެއްގައި އޭނާގެ މައްޗަށް ކޮށްފައިވާ ތިން ދައުވާ މިއަދު ސާބިތުވެއްޖެއެވެ.
ހަންޓާ ބައިޑެންގެ މައްޗަށް ދައުވާ ކޮށްފައިވަނީ، މަސްތުވާތަކެތި ނަހަމަ ގޮތުގައި ބޭނުންކުރާ މީހަކަށް ވެހުރެ، ގަވާއިދާ ޚިލާފަށް ބަޑިއެއް ގަތުމުގެ މައްސަލައިގައެވެ. އެ މައްސަލަ ބެލި، ޑެލަވެއާގެ ފެޑެރަލް ކޯޓުގައި 12 މީހުން ހިމެނޭ ޖޫރީއަކުން، ހަންޓާގެ މައްޗަށް ދައުވާތައް ސާބިތުވާ ކަމަށް ނިންމީ ތިން ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާއަށްފަހުގައެވެ.
އެ މައްސަލަ ފެންމަތިވެފައި ވަނީ ބައިޑެން 2021ގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނެވެ. ނަމަވެސް މިއީ، އެމެރިކާގެ ރައީސަކު ވެރިކަމުގައި ހުންނަވަނިކޮށް އާއިލާގެ އެހާ ގާތް މެންބަރެއްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
އެ މައްސަލައިގައި ހަންޓާ ބައިޑެންގެ މައްޗަށް ގިނަވެގެން 25 އަހަރުގެ ޖަލު ހުކުމަކާއި 750،000 ޑޮލަރުގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ. ނަމަވެސް މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުން އޭނާގެ ހުކުމް ލުއިވާނެ ކަމަށް އެމެރިކާގެ މީޑިއާތަކުގައިވެއެވެ.
އެފަދަ ޝަރީއަތްތަކުގައި އާންމު ގޮތެއްގައި ހުކުމް އިއްވަނީ ދައުވާ ސާބިތުވާތާ 120 ދުވަސް ތެރޭގައެވެ. އެހެންވެ، އަންނަ ނޮވެމްބަރު މަހުގެ ފަހެއްގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ހަންޓާގެ މައްޗަށް ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.
ހަންޓާގެ ގާނޫނީ މައްސަލަތަކާ ގުޅިގެން، ބައިޑެންއަށް ކޮންމެވެސް ވަރަކަށް ވޯޓު ގެއްލިދާނެ ކަމަށް އެމެރިކާގެ ޚިޔާލު ހޯދުމުގެ ބައެއް ވޯޓުތަކުން ވަނީ ދައްކައިފައެވެ.
އެފަދަ ވޯޓުތައް ނަގާ، އެމާސަންއިން މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ ޕޯލްއެއްގައި، 24 ޕަސެންޓް މީހުން ވަނީ އެ މައްސަލައިގެ ސަބަބުން ބައިޑެންއަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ބުނެފައެވެ. ނަމަވެސް 64 ޕަސެންޓު މީހުން ވަނީ އެ މައްސަލަ ކޮންމެ ގޮތަކަށް ކުރިއަށްދިޔަ ނަމަވެސް، ބައިޑެންއަށް ވޯޓު ދޭނެ ކަމަށް ބުނެފައެވެ.
ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ބައިޑެން މީގެ ކުރިން ވަނީ އެ ޝަރީއަތުން ނިންމާ ގޮތެއް ގަބޫލުކުރައްވާނެ ކަމަށާއި ހަންޓާގެ މައްޗަށް ހުކުމެއް ކޮށްފި ނަމަ މާފު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ބައިޑެންއާ އެންމެ ގާތުން ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް މީގެ ދެ ހަފުތާ ކުރިން ވަނީ ދައުވާތަކެއް ސާބިތުވެފައެވެ. އެއީ އެމެރިކާގެ ތާރީޚުގައި ވެސް، އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
ޓްރަމްޕްގެ މައްޗަށް ދައުވާ ކުރީ، ޖިންސީ ގުޅުން ބޭއްވި އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ އޮއްބާލަން މަސައްކަތްކުރި މައްސަލައިގައެވެ. އެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް 34 ދައުވާއެއް ސާބިތުވެފައިވާއިރު، ހުކުމްކުރަން ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 11 އަށެވެ.