11 Jun 2024, 21:04
ރާއްޖޭގެ ހައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ސައުދީ އަރަބިއާގައި ކިޔަވާ ދިވެހި ދަރިވަރުން ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރު ހައްޖުގެ ކަންކަމުގައި ރާއްޖޭގެ ހައްޖު މިޝަންއާއެކު ހައްޖުވެރިގެ ޚިދުމަތުގައި ދިވެހި ދަރިވަރުން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
މިގޮތުން، މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދަރިވަރުންނަށް މި ފުރުސަތު ދެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޝަހީމް ވަނީ ސައުދީގައި ކިޔަވާ ދަރިވަރުންނާ ބައްދަލު ކުރައްވައި ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1150 މީހުން ހައްޖުގައި ބައިވެރިވާ ކަމަށް ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވިއެވެ.
އެ ހުރިހާ ޙައްޖާޖީން ވެސް މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ސަރުކާރުގެ ޚަރަދުގައި 1،000 ނިކަމެތިން ޙައްޖަށް ފޮނުވުމަކީ ރައީސް ގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު މިއަހަރު ވަނީ ސަރުކާރުގެ ޚަރަދުގައި 50 މީހުން ހިލޭ ހައްޖަށް ފޮނުވާފައެވެ.