ސަޢޫދީއަރަބިޔާގެ ވަލީއަހުދު އަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިޔާއިން ހާމަކޮށްފިއެވެ. ސަޢޫދީއަރަބިޔާގެ ބޮޑުވަޒީރުގެ ނައިބު ކަމާއި ދާހިލީ ވަޒީރުކަން ވެސް ކުރައްވަމުންގެންދެވި އަމީރު ނާއިފް ގައުމުން ބޭރަށް ވަޑައިގަތީ މެޑިކަލް ޓެސްޓުތަކެއް ހެއްދެވުމަށާއި ޗުއްޓީ ހޭދަކޮށްލެއްވުމަށް، މިދިޔަ މަހުގެ ފަހުކޮޅުއެވެ.

އަމީރު ނާއިފަށް ވަލީއަހުދުގެ ލަގަބު ލިބިވަޑައިގަތީ ކުރީގެ ވަލީއަހުދު ސުލްތާން ބިން އަބްދުލްއަޒީޒު އޮކްޓޯބަރު 2011 ގައި އަވަހާރަވުމުންނެވެ.

ސަޢުދީއަރަބިޔާގެ ރަސްކަން ވާރުތަވަމުން ދަނީ އެ ގައުމުގެ ބާނީ ސުލްތާން ޢަބްދުލްޢަޒީޒު ބިން ސަޢުދާ އެންމެ ގާތް ބޭފުޅުންގެ ތަރުތީބުންނެވެ. އެ ގޮތުން މިވަގުތު ދުނިޔޭގައި ތިއްބެވި ޢަބްދުލްޢަޒީޒުގެ ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ މިހާރުގެ ރަސްގެފާނު ޢަބްދުﷲ އެވެ. އަމީރު ނާއިފަކީ ރަސްގެފާނު ޢަބްދުﷲ އަށް ފަހު ދެން އެންމެ ދޮށްޓަށް ހުންނެވި ބޭފުޅާއެވެ. އަމީރު ނާއިފު އަވަހާރަވުމުން ދެން ވަލީއަހުދުގެ ލަގަބު ލިބިވަޑައިގަންނަވާނީ އަމީރު ނާއިފުގެ ކޮއްކޯފުޅު އަމީރު ސަލްމާނަށް ކަމަށް ހަބަރު ލިބެއެވެ.

ޝާހީ އާއިލާއާ ހަވާލާދީ ސައުދީ މީޑިޔާއިން ހާމަކުރާ ގޮތުގައި އަމީރު ނާއިފު ފަސްދާނުލެވޭނީ މާދަމާގެ ވަގުތެއްގައި، މާތްވެގެންވާ މައްކާގައެވެ. ކަށުނަމާދު އޮންނާނީ މަޣުރިބު ނަމާދުގެ ފަހުން މައްކާގެ ހަރަމްފުޅުގައެވެ. އަމީރު ނާއިފް އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސުވިޒަލޭންޑުގެ ޖެނީވާގައެވެ.