ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނެދަލެންޑްސް ކުޅުނު ފަހު މެޗުން މޮޅުވިއިރު، ޕޮލެންޑުން ތުރުކީ ބަލިކޮށްފިއެވެ.

ނެދަލެންޑްސް މޮޅުވީ އައިސްލެންޑް އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޔޫރޯގެ ކުރިން ނެދަލެންޑްސް ކުޅުނު ފަހު މެޗެވެ.

ރޭ ކުޅުނު މި މެޗުގައި ނެދަލެންޑްސް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމުން އެއް ލަނޑުޖެހިއެވެ. އަނެއް ތިން ލަނޑު ޖެހީ ފަހު ހާފުގައެވެ.

ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ޒަވީ ސިމޮންސްއެވެ. ދެވަނަ ލަނޑު ފަހު ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވާޖިލް ވެން ޑައިކެވެ.

މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ޑޮންޔެލް މަލެން އެ ޓީމުގެ ތިންވަނަ ޖެހިއިރު، މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ފަހު ލަނޑު ޖަހާފައިވަނީ ވައުޓް ވެގްހޯސްޓެވެ.

ޕޮލެންޑުން ތުރުކީގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި ކުރީން ލީޑްނެގީވެސް ޕޮލެންޑުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކަރޯލް ސްވިޑާސްކީ އެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ތުރުކީގެ ބަރިސް އަލްޕާ ޔިލްމާޒް އެ ޓީމަށް އެއްވަރުކޮށްދިނެވެ. މެޗުގެ އެންމެފަހު މިނެޓުގައި ޕޮލެންޑް މޮޅުކޮށްދިން ލަނޑުޖަހައިދިނީ ނިކޮލާ ޒަލޫސްކީ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އުތުރު މެސެޑޯނިއާ އަތުން ޗެކްރިޕަބްލިކް ވަނީ މޮޅުވެފައެވެ. މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ޖެހީ ފަހު ހާފުގައެވެ. މި މެޗުގައި ޗެކްރިޕަބްލިކުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ޕެނަލްޓީންނެވެ.

އެ ޓީމުން ލީޑްނެގީ 60 ވަނަ މިނެޓުގައި ޕެޓްރިކް ޝިކް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ފަސް މިނެޓުފަހުން، އުތުރު މެސެޑޯނިއާއަށް އެއްވަރުކޮށްދިނީ އިސްނިކް އަލީމީ އެވެ. މި މެޗުން ޗެކްރިޕަބްލިކް މޮޅުވި ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އެންޓޮނިން ބަރާކް އެވެ.

މުބާރާތް ފެށުމުގެ ކުރިން ޓީމުތަކުން އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅުމަށް ވަނީ ނިންމާފައެވެ.