ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިންކްއަރީ ކޮމިޝަނާ ބެހޭ ގޮތުން ސުވާލު އުފައްދަވާ ވާހަކަފުޅު ދައްކަވަނީ މިއަދު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅޭ ގޮތުން އެމަނިކުފާނަށް އަމާޒުވެފައިވާ މަލާމާތާއި ފުރައްސާރައިން ރެކިވަޑައިގެން އާންމުންގެ ވިސްނުން އެހެން ދިމާއަކަށް ގެންދަން ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިދާރީ ދާއިރާތަކުގެ އިންތިހާބުތަކާއި ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާއި ރައީސް ނަޝީދު އެކަނި ވާދަ ކުރައްވާ ރިޔާސީ ޕްރައިމަރީ، ޑިމޮކްރެޓިކް ހަމަތަކުން ނެއްޓި މީހުންގެ މަލާމާތާއި ފުރައްސާރަ އަމާޒުވެފައި ދަނޑިވަޅަކަށް ވުމުން އެމަނިކުފާނު އާންމުކޮށް ކަން ކުރައްވާ ގޮތަށް މިއަދު ވާހަފުޅެއް ދައްކަވައިގެން "އެޓެންޝަން ޑައިވާޓް" ކޮށްލައްވަން މަސައްކަތް ކުރެއްވީ ކަމަށެވެ.

"އެއީ ދެން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއް. ވަރަށް ހިތާމަ ހުރި ކަމެއް. އެކަމަކު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ޕާޓީ އޮތީ ޑިމޮކްރެޓިކް ހަމަތަކުގައި ނޫންކަން. އެމަނިކުފާނު ރިޔާސީ ޕްރައިމަރީއެއްގައި ވާދަ ކުރައްވަނީ މަލާމާތާއެކުގައިކަން. އެހެންވީމާ އެގޮތަށް ކަންތައް ކުރެއްވީ،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ސީމެގާ ބެހޭ ގޮތުންނާއި އިންކްއަރީ ކޮމިޝަނާ ބެހޭ ގޮތުން ވެސް ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށާއި އެކަން އެއްވެސް ފަރާތަކުން ބަލައި ނުގަންނާނެ ކަމަށެވެ.

"ސީމެގަކީ ކޮމަންވެލްތުގެ ދާއިމީ ކޮމެޓީއެއް. އެ ކޮމެޓީ ބައްދަލުވާނެ މަހަކު އެއްފަހަރު. އެހެން ބައްދަލުވާ ކޮންމެ ބައްދަލުވުމަކީ ރާއްޖޭގެ ވާހަކަ ދައްކާ މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެއް ނޫން. އެކަން މި ބޭފުޅުން މިއޮންނަނީ އާންމުންނަށް އޮޅުވާލާފައި. ދެން އާންމުންނަށް ހީވަނީ ރާއްޖޭގެ ވާހަކަ ސީމެގުން ދައްކަނީއޭ، އެއީއަކީ އެހެންވާ ކަމެއް ނޫން،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ރޭވިފައިވާ ގޮތަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންކްއަރީ ކޮމިޝަނަށް ވަޑައިގެންނެވި މެންބަރު ގަހާ އަހުމަދު ސައީދު މާދަމާ ކޮމިޝަނުގެ މަސައްކަތުގެ ތެރެއަށް ވަދެވަޑައިގަންނަވާނެ ކަމަށާއި އަދި ކޮމިޝަންގެ ކޯޗެއާއެއްގެ ގޮތުގައި އައްޔަން ކުރައްވާ ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރު ވެސް ބުރާސްފަތި ދުަވަހު މާލެ ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖެއާ ބެހޭ މަޝްވަރާއަށް އަންނަ ހަފުތާގައި ސީމެގް ބައްދަލު ކުރާއިރު އިންކްއަރީ ކޮމިޝަންގެ ހުރިހާ ކަމެއް ހަމަނުޖައްސައިފި ނަމަ ރާއްޖެއަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި ކޮމަންވެލްތުން ރާއްޖެއަށް ދީފައިވާ މުހުލަތު ހަމަވާއިރު ވެސް ކޮމިޝަން އެކުލަވާ ނުލާ ގަސްތުގައި ލަސް ކުރަމުން ގެންދާ ކަމަށާއި އިހުލާސްތެރި ކަމާއެކު މަސައްކަތް ކުރަން ސަރުކާރު ފަސް ޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން އިންކްއައިރީ ކޮމިޝަންގެ މަސައްކަތް ސަރުކާރުން ގެންދާ ގޮތާމެދު އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ދެފަރާތުގެ މެދުގައި ހަމަޖެހިފައި އޮތް އުސޫލަކީ އާ ކޮމިޝަންގެ ގަރާރުގައި މިމަހުގެ 10 ވަނަ ދުވަހު ރައީސް މުހައްދު ވަހީދު ހަސަން މަނިކު ސޮއި ކުރެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.