00:45


ހަ ސަފީރަކަށް ރުހުން ހޯދެވުމަށް ހުށަހަޅުއްވައިފައިވާ ނަންފުޅުތައް ދިރާސާކުރި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ރިޕޯޓް، އެ ކޮމިޓީގެ ނާއިބު މުގައްރިރު ޑީއާރުޕީގެ ނާއިބު ލީޑަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމުން ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލެއްވި ފުރުސަތުގައި، ޑީއާރުޕީގެ އަނެއް ނާއިބު ލީޑަރު އަދި އެ ކޮމިޓީގެ ވެސް މެންބަރު ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދު އަލީ ވަހީދަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ، ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން، ރަށުގައި ނޫޅުވާ މި ވަގުތުގައި، ނާއިބު މުގައްރިރުގެ ހައިސިއްޔަތުން އަލީ ވަހީދު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންކަމުން ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓްތަކަކީ ޣައިރު ގާނޫނީ ރިޕޯޓްތަކެއް ކަމަށާއި އެ ރިޕޯޓްތައް އަލުން ކޮމިޓީއަށް ފޮނުވުމަށް ވެސް އިލްހާމް އެދި ވަޑައިގެންނެވި އެވެ.  އަދި މާލިއްޔަތުގެ ގާނޫނަށާއި، ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ފަދަ ރައްޔިތުންނާ ގުޅޭ މުހިއްމު މަސައްކަތްތަކެއް ކޮމިޓީތަކުގައި އޮއްވައި މިފަދަ ކަންތައްތަކަށް އިސްކަން ދެވިގެންނުވާނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.  އަދި ކެބިނެޓަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ނުނިމި އޮއްވައި، ރުހުންނުލިބެނީސް ހުވައި ކުރައްވަގެން ހުންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. އަހްމަދު އަލީ ސަވާދު، އަނެއްކާ އިސްތިއުފާ ދެއްވައި، ބަންޑާރަ ނާއިބުގެ ހުވައި ކުރެއްވީރު، މަޖިލީހުގެ ރުހުން ނުލިބި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައި، ކުރެއްވި ސޮއިތަކާމެދު ގާނޫނީގޮތުން ސުވާލު އުފެދޭ ކަމަށް ވެސް އިލްހާމް ފާހަގަކުރެއްވި އެވެ. ސަފީރުކަމަށް ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ނަންފުޅުތަތަކަކީ ކުރިން ވެސް މަޖިލީހުން ރުހުން ދީފައިވާ ނަންފުޅުތަކެއް ކަމުން އިތުރު ދިރާސާ ކުރުމެއް ނެތި މަޖިލީހުން ގޮތެއް ނިންމުމަށް އެ ނަންފުޅުތައް މަޖިލީހަށް ހުށަހެޅުއްވުމަށް ކޮމިޓީން ނިންމެވީ ކަމަށް، އަލީވަހީދު ވިދާޅުވެފައިވާ ވާހަކައަށް ރައްދުދެއްވަމުން އިލްހާމް ވިދާޅުވީ، ޗައިނާއަށް ކަނޑައަޅުއްވާފައިވާ، އަހުމަދު ލަތީފުގެ ނަންފުޅު ފިޔަވައި އެހެން ހުރިހާ ނަންފުޅެއް ދިރާސާކުރުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.


އެ މައްސަލައިގައި މަޖިލީހުގެ ތަޅުން ކޮންމެސް ވަރަކަށް ހޫނުވެ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮ ތާމެދު ގިނަ މެންބަރުންތަކެއް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވި އެވެ.  


ގައުމީ ޕާޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު، ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ ބޮޑު ދެޕާޓީ ކަމުގައިވާ އެމްޑީޕީ އާއި ޑީއާރުޕީން ދެބަޔަށް ބަހައިގެން ކަމަށެވެ. އަދި އެހެން ޕާޓީތަކާއި އަމިއްލަ މެންބަރުން މަޖިލީހުގައި ނެތީތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.  އަދި ރައްޔިތުންގެ މަޖިލިސް އޮތީ ރައީސުލް ޖުމްހޫރިއްޔާއަށް ފާޑު ކިޔޭ ހާލަތެއްގައި ނޫން ކަމަށާއި، މަޖިލީހުގެ މެންބަރުންނާ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރަމުންދަނީ ލަދުގަންނަފަދަ ގޮތަކަށް ކަމަށްވިދާޅުވެ މަޖިލީހުގެ އެހެން މެންބަރުންނަށް ރިޔާޒު ވަރަށްބޮޑަށް ފާޑު ވިދާޅުވެ އަޑުގަދަ ކުރެއްވި އެވެ. އެކަމުގެ ސަބަބުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ރިޔާޒަށް އިންޒާރު ދެއްވި އެވެ.  


 އަމިއްލަ މެންބަރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު މަޖިލީހުގެ މަސއްކަތްތަކަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ، ވިދާޅުވީ، ކޮމިޓީތަކުގައި ބައެއް ބިލުތައް ހިފެހެއްޓުމަށްޓަކައި ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ބިލު މަޖިލީހަށް ބަލައިގަނެ ކުރިއަށް ގެންދިއުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.  


މި ބިލުގެ ބަހުސްގައި އިދިކޮޅު ފަރާތްތަކުން  ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެ މެންބަރުން ވިދާޅުވީ، ސިވިލްއޭވިއޭޝަން މިނިސްޓްރީން މިހާރުވެސް ސިވިލް އޭވިއޭޝަންގެ މަސައްކަތް ނުލާހިކު ރަނގަޅަށް ކުރިއަށްގެންދާއިރު، އަދި އެކަމަށް ގާނޫނެއް އޮތްއިރު މިފަދަ އޮތޯރިޓީއެއް އުފެއްދުމަށްވުރެ އެ ގާނޫނު ހަރުދަނާކުރުން މާ މުހިއްމު ކަމަށެވެ. އަދި މިއީ ގިނަ މުވައްޒިފުންތަކެއް ސިވިލްސާވިސް އިން ވަކި ކުރުމަށް ކުރާ މަސައްކަތެއްކަމަށާއި، މިއީ ކުންފުންޏެއް ހަދައިގެން ގައުމުގެ މުދާ ވިއްކުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.  ނަމަވެސް ބިލަށް ރާއީދު ކުރައްވައި ވާހަކަ ދެއްކެވި، އެމްޑީޕީގެ މެންބަރުން ވިދާޅުވީ، މިއީ މުހިއްމު ބިލެއްކަމަށެވެ. އަދި ސިވިލްއޭވިއޭޝަން އޮތޯރިޓީ އުފައްދައި އެ ރާއްޖޭގެ އެއާޕޯޓްތައް ހިންގުން ހަރުދަނާކޮށްގެން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. މި ބިލު މަޖިލީހުން ކުރިއަށް ގެންދިއުމަށް ފާސްކުރީ، އެވަގުތު ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި، ފަސްދޮޅަސް ފަސް މެންބަރުންގެ ތެރެއިން ސާޅީސް ހަތަރު މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.