ސަންއާ (11 ޖޫން 2024): ބާބުލްމަންދަބުގެ ކައިރީގައިވާ އަދަން ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ ޔޫރަޕްގެ ދެ އާގު ބޯޓަކަށް ޔަމަންގެ ޙޫޘީ ޖަމާއަތުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ހޫޘީން ބުނިގޮތުގައި މިއީ އިސްރާއީލުގެ މަސްލަހަތާ ގުޅިފައިވާ ދެ އާގު ބޯޓެވެ. އެހެންކަމުން މިއީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް އެ ޖަމާއަތުން ފަށާފައިވާ ރައްދު ހަމަލާތައް އަމާޒުކުރުން ހުއްދަ ދެ ބޯޓެވެ.

އިސްރާއީލުގެ އާގު ބޯޓުތަކަކީ ހަމަލާތައް ދިނުން ހުއްދަ ބޯޓުތަކެއްކަމަށް ހޫޘީންވަނީ ކަނޑައަޅާފައެވެ. އަދި އެކަން ހޫޘީން ގެންދަނީ ވަރަށް ވަރުގަދައަށް ތަންފީޒު ވެސް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން ޙޫޘީން ޙަމަލާތައް ދީފައި ވަނީ ޖަރުމަނުގެ އާގު ބޯޓަކަށާއި އަދި ސްވިޓްޒަލެންޑުގެ އާގުބޯޓަކަށެވެ. މި ހަމަލާތަކުގައި އެ ދެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިދެ ބޯޓަކީ ވެސް އިސްރާއީލުގެ ވިޔަފާރިވެރިންގެ ކުންފުނިތަކާ ގުޅުންހުރި ދެބޯޓު ކަމަށް ވެއެވެ.

އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި ޙޫޘީން ޙަމަލާތައް އަމާޒު ކުރަމުންގެންދަނީ އިސްރާއީލަށް މުދާ ގެންދާ އާގުބޯޓުފަހަރަށާއި އިސްރާއީލާ އަދި ޒަޔަނިސްޓް ޔަހޫދީންނާއި އެ މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކުން ހިންގާ އާގުބޯޓު ތަކަށެވެ.

މީގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދޭތީ އެ ދެ ގައުމުގެ ބޯޓުތަކަށް ވެސް ހޫޘީން ހަމަލާތައް ދެމުން ގެންދެއެވެ.

މިދިޔަ މޭ މަހުވެސް ބާބުލްމަންދަބާ އަދި އަދަން ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ ހަ އާގުބޯޓަކަށް ޙޫޘީން ޙަމަލާތައް ދީފައިވެއެވެ. މިއީ ވެސް އިސްރާއީލުގެ ވިޔަފާރިވެރިންގެ ކުންފުނިތަކާ ގުޅުންހުރި ބޯޓުތައްކަމަށްވެއެވެ.

މިފަދަ އާގުބޯޓުތަކަށް ހޫޘީން ހަމަލާތައް ދެނީ އެކިބާވަތުގެ މިސައިލްތަކާއި ޑްރޯން ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. މި ހަތިޔާރުތަކަކީ އީރާނުން ހޫޘީންނަށް ފޯރުކޮށްދޭ ހަތިޔާރުތައް ކަމަށް އެމެރިކާ ތުހުމަތު ކުރެއެވެ. ނަމަވެސް ހޫޘީން ބުނާގޮތުން މީގެތެރޭގައި ގިނައީ އެޖަމާއަތުން އަމިއްލަ އަށް އުފައްދާ ހަތިޔާރެވެ.

އިސްރާއީލުގެ ދިފާއުގައި ހޫޘީންގެ މި ހަމަލާތައް ހުއްޓުވަން އެމެރިކާއާއި އިނގިރޭސިވިލާތުން ގެންދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމުގައި އެ ދެ ގައުމުވަނީ ނާކާމިޔާބުވެފައެވެ.