16 Jun 2012, 19:15
މި މަހު މެލޭޝިއާގައި ބާއްވާ އޭއެފްސީ 22 އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ 22 އަހަރުން ދަށުގެ ގައުމީ ޓީމު ތައިލެންޑުގައި ކުޅުނު ރަހުމަތް ތެރިކަމުގެ މެޗުން ބަލިއްވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މިމެޗުން ރާއްޖޭގެ ޒުވާންޓީމް ބަލިވީ، ތައިލެންޑްގެ ޕްރިމިއާ ލީގުގެ ފަސް ވަނާގައި މިވަގުތު އޮތް އޮސޮޓްސްޕާ އަތުން 2- 1 އިންނެވެ. މެޗުގައި ރާއްޖެ އަށް ގޯލްޖަހައި ދިނީ މާޒިޔާގެ ފޯވާޑް ގްރައީސް އަބްދުލް ރައްޒާގެވެ.
ތައިލެންޑުގެ ޓްރޭނިން ދަތުރުގައި 23 ކުޅުންތެރިންގެ ސްކޮޑެއް ހިމަނާފައިވާ އިރު، ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ކޯޗް އިސްތަވާން އުރުބާނީ އެވެ. އަދި ޓީމުގެ މެނޭޖަރަކީ އަހުމަދު އާމިރު (ސަލްސާ އާމިރު) އެވެ.
އެފްއޭއެމް އިން ބުނީ، ޒުވާން ޓީމް ތައިލޭންޑަށް ކުރާ ތަމްރީން ދަތުރުގައި އެ ގައުމުގައި ޖުމްލަ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ އިރާން، ބަހުރޭން، ތަޖިކިސްތާން، ކުވައިތު އަދި ގަތަރެވެ. މުބާރަތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ސީ ފަޅީގަ އެވެ.
ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ޓީމް މެލޭޝިއާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް ސީގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.