11 Jun 2024, 11:11
އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ކައިރިކައިރީގައި ލިބުނު ނާކާމިޔާބީތަކާއެކު، ކުރިއަށް ހުރި ދުވަސްތަކުގައި ޕާޓީގެ ހިންގުން ހަރުދަނާކޮށް ވަރުގަދަކުރަން މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ފަށަން ރޭ އެ ޕާޓީން ނިންމައިފިއެވެ.
ރޭވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 10ވަނަ ޖަލްސާ ބާއްވައިފައެވެ.
ރޭ އޮތް ގައުމީ މަޖިލީހުގެ އެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވަނީ އިންތިޚާބުތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއެކު ބޭއްވި ބައްދަލުވުންތަކުން ލިބުނު ޚިޔާލުތައް ހިއްސާކުރައްވައިފައެވެ.

މެއި 1، 2024: އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
އަދި ކުރީގެ ޚިދުމަތްތެރިންނާއެކު ބައްދަލުވުންތަކުން ލިބިފައިވާ ޚިޔާލުތައް ވެސް ވަނީ ގައުމީ މަޖިލީހާ ހިއްސާކޮށްފައެވެ.
އެއާއެކު ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާއިރު އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
އަދި މުއައްސަސާއެއްގެ ގޮތުގައި ޕާޓީ އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމު ކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އަދި އެ ކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
އެއާއެކު މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރާއި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް އޭނާ އެދިލެއްވިއެވެ.
އަދި, އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތައް ބިނާވާނެ އަސާސްތައް ފެންނަ، ޕާޓީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.
އެ މަގުޗާޓު އެކުލަވައިލާނީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށާއި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާ ވެސް ހިއްސާކުރާނެ ކަމަށް ވިދާޅުވިއެވެ.
އެންމެ ބޮޑު ދެ އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚާބުންނާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު ނާކާމިޔާބާއެކު އެމްޑީޕީގެ ހަރަކާތްތައް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.
ސިޔާސީ ގޮތުން ޕާޓީ ހިންގުމުގައި އިސް ބޭފުޅުންގެ ހަރަކާތްތައް ވެސް ފެންނަނީ ވަރަށް މަދުންނެވެ. އެއާއެކު އެ ޕާޓީން މީގެކުރިން ބުނި ގޮތުގައި މިހާރު ކުރަމުން އަންނަނީ ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތެވެ.