16 Jun 2012, 17:14
ގާހިރާ (ޖޫން 16) : މިސްރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އެބަދެ އެވެ.
މިބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުން އެންމެ ގިނަވޯޓު ލިބިވަޑައިގެންނެވި އިހުވާނުލް މުސްލިމީން ޖަމާއަތަށް ނިސްބަތްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މަރްސީ އާއި ރައްޔިތުންގެ އުތުރިއެރުމެއްގައި ވެރިކަން ގެއްލިވަޑައިގަތް ޙުސްނީ މުބާރަކްގެ ސަރުކާރުގެ އެންމެފަހުގެ ބޮޑުވަޒީރު އަޙްމަދު ޝަފީގެވެ.
މިދިޔަ މޭ މަހު ބޭއްވި މިސްރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުޙައްމަދު މަރްސީއަށް ލިބިވަޑައިގަތީ 24.7 ޕަސެންޓް ވޯޓެވެ. އަޙްމަދު ޝަފީޤަށް ލިބިވަޑައިގަތީ 23.6 ޕަސެންޓް ވޯޓެވެ. ފުރަތަމަ ބުރުގައި 13 ކެންޑިޑޭޓަކު ވާދަކުރެއްވިއިރު 60 ޕަސެންޓަށްް ވުރެގިނަ ވޯޓު ލިބިފައިވަނީ މުބާރަކާއިދިކޮޅު ޚިޔާލުގެ ކެންޑިޑޭޓުންނަށެވެ. ނަމަވެސް މުބާރަކާ އިދިކޮޅު މީހުންގެ ވޯޓުތައް މިކެންޑިޑޭޓުންގެ މެދުގައި ބެހިގެން ދިޔުމުގެ ސަބަބުން މުބާރަކާ އިދިކޮޅު އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަބުރު ކާމިޔާބު ކުރެވިފައެއްނުވެއެވެ.
ފުރަތަމަ ބުރުގައި އަޙްމަދު ޝަފީޤަށް 23.6 ޕަސެންޓް ލިބވަޑައިގަތީ މުބާރަކަށް ތާއީދުކުރާ ކުރީގެ ބާރުގަދަ ފަރާތްތަކުގެ އެހީއާއި ނުފޫޒުގައި ކަމަށް ޝަފީޤާ އިދިކޮޅު ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ. ދެވަަނަ ބުރުގެ ކޭންޕޭންގައި އަޙްމަދު ޝަފީޤުވަނީ މިސްރުގެ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާއަތާއި އެޖަމާއަތުގެ ފިކުރަކީ މިސްރުގެ މުސްތަޤްބަލަށް އޮތް ނުރައްކަލެއްކަމަށް ސިފަކުރައްވައި އެއީ މިސްރުގެ އަނދި ފަރާތް ކަމަށާއި އޭނާއަކީ މިސްރުގެ މުސްތަޤްބަލް ކަމާއި އަދި އޭނާގެ ފިކުރަކީ މިސްރުގެ އުޖާލާ ފަރާތްކަމަށް ސިފަކުރައްވާފައެވެ. އަދި މިސްރުގެ އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކުގެ ކިބާގައި ވެރިކަމުގެ ޤާބިލްކަން ނެތްކަމަށްވެސް އަޙްމަދު ޝަފީޤުވަނީ ތުހުމަތު ކުރައްވާފައެވެ.
ޝަފީޤާމެދު ބެލެވިފައިވަނީ މުބާރަކް ގެންގުޅުއްވި ޢިލްމާނީ އަދި ޢަސްކަރީ ފިކުރުމުގެ ބޭފުޅެއްގެ ގޮތުގައެވެ. އޭނާއަކީ މުބާރަކްފަދައިން ޢަސްކަރީ ޖެނެރަލެކެވެ. ޝަފީޤަށް ވެރިކަން ލިބިވަޑައިގެންފިނަމަ މިސްރުގެ ޙަޤީޤީ ވެރިކަން އޮންނާނީ މުބާރަކްގެ ދުވަސްވަރެކޭ އެއްގޮތަށް ސިފައިންގެ އަތްމަތީގައި ކަމަށާއި މިފަދަ ޙާލަތެއްގައި އެމެރިކާގެ ބާރާއި ނުފޫޒުވެސް ހަމަކުރިއެކޭ އެއްގޮތަށް މިސްރުގައި އޮންނާނެ ކަމަށް މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލައި މިސްރަށް ރައްޔިތުންގެ އިންޤިލާބު ގެނައި ފަރާތްތަކާއި އިޚްވާނުލްމުސްލިމީން ފަދަ އިސްލާމީ ޚިޔާލުގެ ފިކުރުމުގެ މީހުން ދެކެއެވެ.
ޚިޔާލު ހޯދުމުގެ ނަތީޖާތައް ދައްކާގޮތުން މިސްރުގެ ރިޔާސީ އިންތިޚާބުގެ ދެވަަނަބުރު ކާމިޔާބުކުރެއްވުމުގެ ފުރްސަތު ބޮޑީ އިޚްވާނުލްމުސްލިމީންގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މަރްސީއަށެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަވޯޓު ލިބިވަޑައިގެންނެވި މުބާރަކާއިދިކޮޅު ޚިޔާލުގެ ހުރިހާ ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދުކުރާ މިސްރުގެ އާންމުންވަނީ ޑރ. މަރްސީގެ ފަހަތްޕުޅުގައެވެ.
އިޚްވާނުލްމުސްލިމީންގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މަރްސީއަކީ ފިޒިކްސްގެ ރޮނގުން އެމެރިކާގައި ޕީ.އެޗް.ޑީ. ހެއްދެވުުމަށްފަހު އެމެރިކާގެ ޔުނިވަރސިޓީތަކުގައާއި މިސްރުގެ ޔުނިވަރސިޓީތަކުގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ވަރަށް ޢިލްމީ އަދި ދީނީ ފިކުރުމުގެ ބޭފުޅެކެވެ.
މުހައްލިލުން ލަފާކުރާ ގޮތުން މިފަހަރު މިސްރުގެ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަން ލިބުންގާތީ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މަރްސީއަށެވެ. ނަމަވެސް ވެރިކަން ކުރެއްވުމުގައި ރައްޔިތުން ބޭނުންވާ ނަމޫނާ ދައްކަވައި ހެޔޮވެރިކަން ޑރ. މަރްސީ އަށް ނުކުރެއްވިއްޖެނަމަ އޭނާއަށާއި މިސްރުގެ ޑިމޮކްރަަސީ ނިޒާމުގެ މައްޗަށް މިސްރުގެ ރައްޔިތުންކުރަމުންގެންދާ އާދަޔާ ޚިލާފު ބޮޑެތި އުންމީދުތައް ވިއްސި ވިހާލިވެ އެހިސާބުން އަނެއްކާ މިސްރުގެ ވެރިކަމަށް ފައިނެގުމުގެ ފުރްސަތު މުބާރަކުގެ ނިޒާމާ ގުޅިފައިވާ ފަރާތްތަކަށް ފަހިވެގެންދާނެ ކަމަށް މިފަރާތްތަކުން ދެކެއެވެ.
މިއަދު ފެށުނު މިސްރުގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރު މާދަމާވެސް ކުރިޔަށްދާނެއެވެ. ވޯޓުލުން ނިމޭނީ މާދަމާރޭ އިރާކޮޅުގައެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު މިސްރު ރައްޔިތުންގެ ތެރެއިން 50 މިލިޔަންމީހުންނަށް ލިބިގެންވާ ކަމަށް އިންތިޚާބު ތަކާބެހޭ އެންމެމަތީ ކޮމިޓީން ބުނެއެވެ. -- ނޫސްއެޖެންސީތައް