11 Jun 2024, 07:36
ސްޓާޕްލަސްއިން ގެނެސްދިން މަގުބޫލު ޓީވީ ޑްރާމާ ސީރީޒް "ކަސޯޓީ ޒިންދަގީ ކޭ"ގެ ކޮމޮލިކާގެ ރޯލުން އާއްމުންގެ ބޮޑު ތަރުހީބެއް ހޯދި ބަތަލާ އުރުވަޝީ ނެގެޓިވް ރޯލްތައް ކުޅެން ބޭނުންނުވާ ކަމަށް ބުނެފިއެވެ.
ޓެލެވިޒަން ޑްރާމާ "ކަސޯޓީ ޒިންދަގީ ކޭ"ގެ އައިކޮނިކް ރޯމް ކޮމޮލިކާގެ ރޯލަށްފަހު މުޅިން ވެސް ލިބެންފެށީ ނެގެޓިވް ރޯލްތައް ކަމަށާއި ނަމަވެސް ބޭނުން ވަނީ ތަފާތު ރޯލްތައް ތަޖުރިބާކޮށްލަން ކަމަށް އުރުވަޝީ ވަނީ ބުނެފައެވެ. ކޮމޮލިކާގެ ރޯލް ކުޅުނުތާ 15 އަހަރުވެފައިވާއިރު ވެސް އަދިވެސް އެ ރޯލް ގިނަ ބައެއްގެ ހަނދާނުގައި ހަރުލާފައި ހުރުމުގެ ސަބަބުން މިހާރު ވެސް ޕްރޮޑިއުސަރުން އެފަދަ ރޯލްތައް ހުށަހަޅާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މިހާރު ވެސް ބޭރުތެރެއިން ފެނުމުން ކޮމިލިކާގެ ނަމުން މީހުން ގޮވާ ކަމަށާއި ޓީވީ ސީރީޒްތަކުގެ އުފެއްދުންތައް ކުޑަ ނަމަވެސް އޭގެ ފެންވަރު ރަނގަޅުކަމުގެ އިހުސާސް އެއިން ކޮށްދޭކަމަށް އުރުވަޝީ ވަނީ ބުނެފައެވެ.

އުރުވަޝީ ޓީވީ ޑްރާމާ "ކަސޯޓީ ޒިންދަގީ ކޭ"ގެ ކޮމޮލިކާގެ ރޯލްގެ މަންޒަރެއްގައި--ފޮޓޯ/ފޭސްބުކް
އުރުވަޝީގެ ހަމައެކަނި އޮތް ޝަކުވާއަކީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް އެހެން ރޯލްތައް އުރުވަޝީ ލައްވާ ކުޅުވުމުގެ ރިސްކު ނަގަން ނުކެރޭކަމުގެ ޝަކުވާއެވެ. ނޫނީ ޕްރޮޑިއުސަރުންގެ ކިބައިގައި އެހާ އުފެއްދުންތެރިކަން ނެތީތޯ މިއީ ވެސް އުފެދޭ ސުވާލެއް ކަމަށް އުރުވަޝީ ވަނީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
ޓީވީ ސީރީޒް "ކަސޯޓީ ޒިންދަގީ ކޭ"އަށް ފަހު އުރުވަޝީ ފެނިފައިވަނީ ވަރަށް މަދު ޑްރާމާ ސިލްސިލާއަކުންނެވެ. އޭގެ ތެރޭގައި ކަލަސްއިން ދެއްކި ސީރީޒް "ނާގިން6" ހިމެނެއެވެ. ބެލުންތެރިން އުރުވަޝީގެ ފެނިލުމަކަށް އިންތިޒާރުކުރި ނަމަވެސް ބޭނުންވާ ކަހަލަ ސްކްރިޕްޓެއް ތަފާތު ރޯލަކާ އެކު ލިބިއްޖެނަމަ އޭނާ ސްކްރީނުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް 44 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.