ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހި އާއިލާއެއްގެ ކުޑަ އަންހެން ކުއްޖަކު ގޮވައިގެން އޭނާގެ މަންމަ ސްކޫލަށް ދިޔަ ކުރޮޅި ޑްރައިވަރަކު ކުޑަ ކުއްޖާ ގޮވައިގެން ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ލަންކާގައި ދިރިއުޅޭތާ އަހަރެއްހާ ދުވަސްވެފައިވާ ޒުވާން މަންމަ، ބުނީ އާދަވެގެން ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގޮވައިގެން ސްކޫލަށް ދަނީ މަގަށް ނުކުންނަ އިރު ކަންމަތިން ފެންނަ ތަނުން ކުރޮޅިއަކަށް އަރައިގެން ކަމަށާއި އެގޮތަށް އަރާއިރު ނުދަންނަ މީހެއް ނަމަ އަބަދުވެސް މީޓަރު ހުންނަ އެއްޗަކަށް އަރަން އިސްކަންދޭ ކަމަށެވެ. ނަމަވެސް އިއްޔެ ކުރޮޅިއަކަށް އެރީ ދަރިފުޅު ސްކޫލްގައި އޮތް ޕޭރަންޓް މީޓިންއަކަށް ދާންވެގެން ލަސްވާތީ މީޓަރު ބޯޑަށް ނުބަލާ ކަމަށެވެ.

\"އާއްމުކޮށް މީޓަރު ނެތިއްޔާ ނުދަންނަ މީހެއްގެ ކުރޮޅިއަކަށް ނާރަން. އިއްޔެ ވީގޮތަކީ މާބޮޑަށް ގަޑިޖެހޭތީ އޭރު އެތަނުގައި އޮތް އޮޓޯއެއް ފެނިފައި އެރީ،\" އެ އަންހެން ކުއްޖާ ކިޔައި ދިނެވެ.

އޭނާ ބުނީ ދަރިފުޅު ގޮވައިގެން ސްކޫލަށް ދާ ކުރޮޅިތަކަށް އާއްމު ގޮތެއްގައި ސްކޫލްގެ ތެރެއަށް ވަދެވޭ ކަމަށާއި ނަމަވެސް އިއްޔެ ސްކޫލް ދޮަށަށް ދިޔަ ކުރޮޅި ސްކޫލް ތެރެއަށް ނުވަދެވޭނެ ކަމަށް ބުނުމުން، ކިހާވަރެއްތޯ ދޭންވީ ސުވާލު ކުރި ކަމަށެވެ.

\"އެހިތަނާ އެމީހާ 50 ލަންކާ ރުޕީސް ކަމަށް ބުނި\" އޭނާ ބުންޏެވެ.

އޭނާ ބުނީ އަދި އެވަގުތު އޭނާގެ އަތުގައި އޮތީ 100 ލަންކާ ރުޕީސް ކަމަށާއި މާރުވާން ނެތް ކަމަށް ބުނުމުން ކުރޮޅިން ފޭބުމަށް އެމީހާ ބުނި ކަމަށެވެ. އެވަގުތު ކުރޮޅިން ފައިބައިފައި ދަރިފުޅު ބާލަން އަތް ދިއްކޮށްލިތަނާ ކުރޮޅި ޑްރައިވަރު ނައްޓާލީ ކަމަށެވެ.

\"ކުރޮޅިން ފައިބާށޭ ބުނީމަ ދެން ހީކުރީ އޭނާ ލާރި މާރުކުރަން ދާންވެގެން އުޅެނީއޭ. ފޭބުމާއެކު ދަރިފުޅާ އެކު ދުއްވާލައިފި،\"

ކުރޮޅި ޑްރައިވަރު އޭނާގެ އޭނާގެ ހަ އަހަރުގެ ދަރިފުޅު ގޮވައިގެން ދުއްވާލުމުން އޭނާ ވެސް ފަހަތުން \"މަގޭ ދަރިއޭ!\" ގޮވަމުން ދުވީ ކަމަށާއި އެވަގުތު ޓްރެފިކް ފުލުހުންނަށް ފެނިގެން އެ ދިމާއަށް އަންނަން ފެށުމުން ކުރޮޅި ޑްރައިވަރު އޭނާގެ ދަރިފުޅުގެ ބޮލުގައި އަތް އަޅާފައި ބޭރަށް ކޮއްޕާ ވައްޓާލީ ކަމަށެވެ. ދަރިފުޅު ވެއްޓި ޖެހުމުގެ ސަަބަބުން ބޯ ފަޅައިގެން ގޮސް އަތާއި ފައި ވަރަށް ބޮޑަށް މަށައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް މިހާރު ދަރިފުޅުގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

\"އަހަރެން އެވަގުތު މަގު މެދުން މަގޭ ދަރިފުޅޭ ކިޔަމުން މިދުވަނީ. އެވަގުތު މަގޭ ކައިރީގައި ހުރި އެހެން ޕޭރެންޓަކަށް ވެސް ފެނުނު އެ ކުރޮޅި މީހާ ދަރިފުޅު ގޮވައިގެން ނައްޓާލިތަން، ދެން ފުލުހުން އެމީ ފަހަތުން ދާން ފެށީމައި އެމީހާ ކުރި ކަމަކީ ދަރިފުޅު ރޮއިރޮއި އޮއްވާ ބޮލުގައި އަތް އަޅާފައި ކޮއްޕާ ވައްޓާލީ. ނަސީބަކުން އެވަގުތު އެފަޅީގައި ނެތް އެއްވެސް ދުއްވާ އެއްޗެއް،\" އޭނާ ބުންޏެވެ.

މި ހާދިސާ އާ ގުޅިގެން އެވަގުތު އެ ކުރޮޅި ފަހަތުން ދިޔަ ލަންކާ ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ލަންކާ ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.