10 Jun 2024, 17:28
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ރިޔާސީ ގަނޑުވަރު, ރާޝްތުރަޕަތީ ބަވަންގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން، ދެ ރައީސުން ވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ރައީސުން ވެސް ފާހަގަ ކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް
ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒާއި ސަރުކާރުގެ މަތީ މަންފީގެ ވަފުދެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑިއާއަށް ވަޑައިގަތީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒުވަނީ ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރައްވާފައެވެ. އެހެން ގައުމުތަކުގެ އިސްވެރީންނާ މޯދީ ބައްދަލު ކުރެއްވި ނަމަވެސް، މުޅި ދަތުރުފުޅުގެ ތެރެއިން ފެންނަނީ މޯދީ އާއި ރައީސް މުޢިއްޒު ވަރަށް އަރިހުގައިި ތިއްބަވާ މަންޒަރެވެ.
މޯދީ ވެސް ވަނީ މިއީ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި އެކުގައި ކުރިއަށް ދިއުމަށް ބޭނުންވާކަމަށް ދެ ގައުމުގެ ވެރިން ވެސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒުވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއެކު ވެސް މަޝްވަރާ ކުރައްވައިފިއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ ސިޔާސަތަކީ އިންޑިއާއާ އިތުރަށް ގުޅުން ބަދަހިކުރުން ކަމަށާއި އެ މަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

ޖައިޝަންކަރާ ރައީސް މުޢިއްޒު ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބީއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ މިއަހަރުގެ ކުރީކޮޅު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.
އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.
ނަމަވެސް، ޒަމީރު މިދިޔަ މަހުގެ އަށްވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގައި ދެ ގައުމުގެ ގުޅުން ކުރިއަށް ވުރެ ތަންކޮޅެއް ރަނގަޅުވެފައިވާ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.