10 Jun 2024, 16:03
ޙައްޖަކީ އަޅުކަމެއް ކަމަށާއި އެކަމުގެ ތެރެއަށް ސިޔާސީ ކަންތައްތައް ވައްދަން ނޫޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެ ބަައްދަލުވުމުގައި ޝަހީމްވަނީ ހައްޖު ކޯޕަރޭޝަނާއި ހައްޖަށް ފައިސާދައްކައިފައި ތިބި މީހުންގެ ތަރުތީބާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައިފައެވެ. އަދި ސަރުކާރު ޚަރަދުގައި ފަގީރުން ހައްޖަށް ފޮނުވުމުން ދެކެވޭ ވާހަކަތަކަށް ވެސް ރައްދު ދެއްވިއެވެ.
އެގޮތުން ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ނޫން ކަމަށާއި ހައްޖު ކޯޕަރޭޝަންގެ ޙައްޖުވެރިންގެ އިތުރުން ސައުދީ ރަސްގެފާނުގެ ދީލަތި އެހީގައި އެމްބަސީގެ ބެލުމުގެ ދަށުން ވެސް ދިވެހި ހާޖީންތަކެއް ޙައްޖަށް ދާކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ވަޒީރު ޝަހީމް ނޫސްވެރިންނާއި ބައދަލްކުރެއްވުމުގެ ތެރެއިން--- ސަން ފޮޓޯ/ އަމަން ލަތީފް
އެހެންކަމުން އެ ކަމުގެ ގަދަރު ކުޑަކޮށް ސިޔާސީ ގޮތުން ވާހަކަނުދެއްކުމަށް ވަޒީރު ވަނީ ރައްޔިތުން ކިބައިން އެދިވަޑައިގެންފައެވެ.
މިއީ އަޅުކަމާ ގުޅިފައިވާ ކަމަކަށް ވާއިރު އަޅުކަން ކުރުމަށް ގޮސް ތިބި ފަރާތްތަކާއި އާއިލާތަކަށް ލިބިފައިވާ އުފާވެރިކަން ނިގުޅައިގަންނަން މަސައްކަތް ކުރާ ބަޔަކަށް ރައްޔިތުން ވެގެން ނުވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ހިލޭ އެހީގެ ދަށުން މި އަހަރު މީހުން ޙައްޖަށް ފޮނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައި ވާއިރު ވަޒީރު ވަނީ ސައުދީއިން ފަލަސްތީނުގެ އާއިލާތަކުގެ 2000 މީހުންނަށް މި ފަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ވަޒީރު ޝަހީމް ނޫސްވެރިންނާއި ބައދަލްކުރެއްވުމުގެ ތެރެއިން--- ސަން ފޮޓޯ/ އަމަން ލަތީފް
ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ވަދެވޭ އެންމެ ފަހު ދުވަހަކީ މާދަމާ ކަމުގައި ވާއިރު ރާއްޖެއިން ޙައްޖަށް ދިއުމަށް ކަނޑައަޅާފައިވާ ހައްޖާޖީންގެ އެންމެ ފަހު ފްލައިޓް މިއަދު ވަނީ ދަތުރު ފަށާފައެވެ.
މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި މިއަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ކަނޑައަޅާފައި ވަނީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއިލް ޝަފީއުއެވެ.