10 Jun 2024, 15:24
އަވައްޓެރި އިންޑިއާއަކީ ދިވެހިންނާ ގާތް އެކުވެރިއެއް ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ މިނިވަންކަން ހިފަހައްޓާނީ އެ ގައުމާއެކު ވެސް ގުޅުން ބަދަހިކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޚްމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ އިންޑިއާއަކީ ދިވެހިރާއްޖެއާއި އަވަށްޓެރި، ގާތް އެކުވެރި ގައުމެއް ކަމަށެވެ.
އަދި ރައީސް މުއިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ހިފަހައްޓައިގެން، ދެ ގައުމުގެ ދެމެދުގައި ބަދަހި ގުޅުމެއް ބަދަހިކުރެވިދާނެކަން ދައްކަމުން ދާނެ ކަމަށް އަޒާން ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް އިއްޔެ ހުވާ ކުރެއްވެވިއިރު އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން މޯދީއާއެކު އެކިއެކި ރަސްމިއްޔާތުތަކުގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މިސަރުކާރު ކުރީކޮޅުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވީ ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބަދަހިވެފައެވެ. މޯދީ އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވާ ފޮޓޯތައް ސަރުކާރުގެ އިސްވެރިން ގެންދަވަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.
މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި އަޒާން ފާހަގަކޮށްލެވެނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުރުގައި ވަރަށް ބޮޑަށް 'އިންޑިއާ އައުޓް' ހަރަކާތާ އެއްކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަޒާން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ގިނަ އަދަދަކަށް ތިބި ކަމަށް އޭރު ވިދާޅުވެފައެވެ.
ކުރީ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ވެފައިވަ އެއްބަސްވުންތަކުގެ މައްސަލަ ބަލަން އަޒާން ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅާފައެވެ. އަދި މިއަދު އެ ކޮމިޓީން ވަނީ އެ މައްސަލަ ބަލަން

އުތުރު ތިލަފަޅަށް ދިޔަ ނޫސްވެރިން: އޭގެ ތެރޭގައި މިހާރުގެ މެންބަރު އަޒާން ވެސް ހިމެނޭ -- ފޮޓޯ/ މިދުއަމް ސައުދު، ޓުވިޓާ
އޭގެ ތެރޭގައި ފުރަތަމަ މައްސަލަ އަކަށް އަޒާން ހުށަހެޅީ ރާއްޖެއާއި އިންޑިއާގެ ސަރުކާރާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމުގެ މައްސަލައެވެ.
އޭނާ ވިދާޅުވީ މި އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ނިންމައި ސޮއިނުކޮށް އޮތް އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އޭނާ ވަނީ އުތުރު ތިލަފަޅުގައި ބިނާކުރާ ބަނދަރުގެ ވާހަކަ ފާހަގަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓު ކުރަން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ވާހަކަ ވެސް ފާހަގަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެއީ ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮއިނުކޮށް އޮތް އެއްބަސްވުމެއް ކަމަށެވެ.