10 Jun 2024, 12:26
ސަރުކާރުގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް 37 ބިލެއްގެ ލިސްޓު މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައި ބުނާ ގޮތުން ނަމަ ދައުރެއް ފެށޭއިރު، ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ލިސްޓެއް މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހެއެވެ.
ސަރުކާރުގެ ފަރާތުން އެ ލިސްޓު މަޖިލީހަށް ހުށަހަޅާނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.
އެގޮތުން، މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ސަރުކާރުގެ ފަރާތުން މި ދައުރަށް ހުށަހަޅަންޖެހޭ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ.
މަޖިލީހަށް ފޮނުވާފައިވަނީ 37 ބިލު ހިމެނޭ ލިސްޓެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ސަރުކާރުން ހުށަހެޅި ލިސްޓުގައި ހިމެނޭ 37 ބިލު
- ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
- ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު
- ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބޯހިޔާވަހިކަމުގެ ބިލު
- ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
- އާބަން ޕްލޭނިން އަދި އާބަން ތަރައްގީކުރުމާ ހިންގުމުގެ ބިލު
- ބިނާވެށި ޕްލޭންކުުރުމާއި ތަރައްގީކުރުމާ ހިންގުމުގެ ބިލު
- ބިމުގެ ބިލު
- ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ބިލު
- ނަފުސާނީ ސިއްހަތު ބިލު
- ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
- ދައުލަތުގެ ދަރަންޏާ ގުޅޭ ބިލު
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- ޖިނާއި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު
- ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެންޓި-ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ފޮރިން އިންވެސްޓްމަންޓު ބިލު
- މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ބިލު
- ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
- އިންޝުއަރެންސާބެހޭ ބިލު
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު
- ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލު
- ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 200 ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ވިހިވަނަ މަޖިލީހުގައި ސަރުކާރަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފައެވެ. މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު ޕީއެންސީގައި 75 މެންބަރުން ތިއްބަވައެވެ.