މިމަހު މެލޭޝިއާގައި ބާއްވާ އޭއެފްސީ 22 އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިން މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ 22 އަހަރުން ދަށުގެ ގައުމީ ޓީމު ތައިލެންޑްގެ ޕްރިމިއާ ލީގުގެ ފަސް ވަނާގައި އޮތް އޮސޮޓްސްޕާ އަތުން 2-1 އިން ބަލިއްވެއްޖެ އެވެ.

މި މެޗުގައި ރާއްޖެއަށް ގޯލްޖަހައި ދިނީ މާޒިޔާގެ ފޯވާޑް ގްރައީސް އަބްދުލް ރައްޒާގެވެ.

ތައިލެންޑުގެ ޓްރޭނިން ދަތުރުގައި 23 ކުޅުންތެރިންގެ ސްކޮޑެއް ހިމަނާފައިވާއިރު، ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ކޯޗް އިސްތަވާން އުރުބާނީ އެވެ. އަދި ޓީމުގެ މެނޭޖަރަކީ އަހުމަދު އާމިރު (ސަލްސާ އާމިރު) އެވެ.

އެފްއޭއެމްއިން ބުނީ، ޒުވާން ޓީމް ތައިލޭންޑަށް ކުރާ ތަމްރީން ދަތުރުގައި އެގައުމުގައި ޖުމްލަ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ އިރާން، ބަހުރޭން، ތަޖިކިސްތާން، ކުވައިތު އަދި ގަތަރެވެ. މުބާރަތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ސީ ފަޅީގައެވެ.

ކޮލިފައިންގައި ވާދަކުރުމަށް ގައުމީޓީމް މެލޭޝިއާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަދި ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް ސީގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.