މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ހޯދަން ފުލުހުން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާ ކަމަށެވެ.

މި މައްސަލައިގައި ހޯދަނީ 38 އަހަރުގެ ޔުމްނާ ޢަބްދުއްރައްޒާޤު (ކ. މާލެ / މ. ލޮނުމިދިލިގެ،) އެވެ.

ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން މާދަމާގެ 11:30 އަށް ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށްދޭން ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ވޭތުވެދިޔަ ހަ މަސް ތެރޭ 51 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އަދި ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން ކަމާ ގުޅުން ހުރި އިދާރާތަކުން ވެސް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

އެގޮތުން، ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ގިނަވެފައިވާކަން ފާހަގަކުރެވި ކަސްޓަމްސްއާއި ފުލުހުން ދަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.

އަދި، ޕޯސްޓް ލިމިޓެޑް މެދުވެރިކޮށް އެ ޒަރިއްޔާއިން މަސްތުވާތަކެތި އެތެރެވިޔަ ނުދޭން މަސައްކަތްކުރާނެ ކަމަށް ލޯކަލް ގަވާމަންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.