10 Jun 2024, 07:44
އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ ބައްޗަން އަދި ކަޕޫރު ޚާންދާނަށް ނިސްބަތްވާ ނަވްޔާ ނަވޭލީ ނަންދާ ފިލްމީ ދާއިރާއިން ނުފެންނާނެ ކަމަށް ނަވްޔާގެ މަންމަ ޝްވެތާ ބުނެފިއެވެ.
އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު ނަވްޔާ ބޮލީވުޑަށް ނުކުންނަން އުޅޭކަމުގެ ވާހަކައަކީ ދޭތެރެދޭތެރެއިން މީޑިއާތަކުގައި ފެންމަތިވާ ވާހަކައަކަށްވީ ނަމަވެސް ބޮލީވުޑަކީ ނަވްޔާ މަސައްކަތްކުރަން އެންމެ ރަނގަޅު ދާއިރާ ނޫންކަމަށް ދާދިފަހުން ޝްވެތާ ވަނީ ބުނެފައެވެ.
ނަވްޔާ ފިލްމީ ދާއިރާއަށް ނުކުތުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާތަކުން ބުނެފައިވަނީ މިދިޔަ އަހަރު ނަވްޔާގެ ކޮއްކޮ އަގަސްތިޔާ ނަންދާ ނެޓްފްލިކްސްގެ ފިލްމު "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ނުކުތުމާ ގުޅިގެންނެވެ.

ނަވްޔާ މަންމަ ޝްވެތާ ބައްޗަން އަދި ކާފަ އަމީތާބް ބައްޗަންއާ އެކު--ފޮޓޯ--ޓައިމްސްނައު
ޕޮޑްކާސްޓަރުންނަށް ޚާއްސަކޮށްގެން އިންޑިއާގެ މުމްބާއީގައި ބޭއްވި ހަފްލާއެއްގައި ޝުވެތާ ބުނެފައިވަނީ، ނަވްޔާ އަކީ އެއްވެސް އިރެއްގައި ފިލްމީ މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރި މީހެއް ނޫންކަމަށެވެ. ނަވްޔާ އަބަދުވެސް ކުރިއަށްދާން ބޭނުންވަނީ ވިޔަފާރީގެ ދާއިރާއިން ކަމަށާއި މަތީ ތައުލީމު ހާސިލުކުރުމަށް ފަހު ނަވްޔާ ވަނީ މަޝްހޫރު ރާޖް ކަޕޫރުގެ ކާފަ ދަރި އަދި ބައްޕަ ނިކަލް ނަންދާގެ ވިޔަފާރިއާ ގުޅިފައެވެ.
އުމުރުން 21 އަހަރުގައި ނަވްޔާ ވަނީ އާރާ ހެލްތުގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ނަވްޔާ އަންނަނީ އަންހެނުން ބާރުވެރި ކުރުވުމަށް ކުރެވިދާނެ ތަފާތު އެކި ޕްރޮޖެކްޓްތައް ހިންގާ އަންހެނުންނާ ގުޅުންހުރި މުހިންމު މައުޟޫއުތަކަށް މީހުން އަހުލުވެރި ކުރުވަމުންނެވެ.
ނަވްޔާ ވަނީ 2022ވަނަ އަހަރު މިފަދަ ތަފާތު އެކި މައުޟޫއުތަކާ ގުޅޭގޮތުން ޚިޔާލު ފާޅުކުރުމުގެ ބޭނުމުގައި އަމިއްލަ ޕޮޑްކާސްޓް ޝޯއެއް ވެސް ޔޫޓިއުބް މެދުވެރިކޮށް ސްޓްރީމްކުރަން ފަށާފައެވެ. މި ޕޮޑްކާސްޓްގައި ނަވްޔާއާ އެކު މެހެމާނުންގެ ގޮތުގައި ބައިވެރިވާ ބައިވެރިންނަކީ މަންމަ ޝްވެތާ އަދި މާމަ ޖަޔާ ބައްޗަންއެވެ.