10 Jun 2024, 07:48
މީގެ 16 އަހަރު ކުރިން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ހެއްވާ މަޖާ ފިލްމު "ޖޮލީ އެލްއެލްބީ"ގެ ތިންވަނަ ބަައިގެ ބަތަލާގެ ރޯލަށް އަމްރީތާ ރާއޯ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަމްރީތާ ވަނީ 2013 ވަނަ އަހަރު ރިލީޒްކުރި މި ސިލްސިލާގެ ފުރަތަމަ ފިލްމުގެ ރޯލަކުން ވެސް ފެނިފައެވެ. ނަމަވެސް، އޭގެ ފަހުން 2017ވަނަ އަހަރު ރިލީޒްކުރި ފިލްމުން އަމްރިތާގެ ބަދަލުގައި ފެނުނީ ހުމާ ގުރެއިޝީއެވެ. މި ފިލްމުގެ ތިންވަނަ ބައިން އަމްރިތާ ފެންނާނީ ލީޑް ތަރި އަރުޝަދު ވަރުސީގެ އަންހެނުންގެ ރޯލުންނެވެ. މި ސިލްސިލާގެ ފުރަތަމަ ބައިން ވެސް އަމްރިތާ ފެނުނީ ހަމަ އެ ރޯލުންނެވެ.

ފިލްމު "ޖޮލީ އެލްއެލްބީ3"ގެ ލީޑް އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި އަރުޝަދު ވަރުސީ--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ޖޮލީ އެލްއެލްބީ3"ގެ ވަރަށް ބޮޑު ބައެއްގެ ޝޫޓިން ނިމިފައިވާއިރު އެންމެ ފަހުން ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ރާޖަސްތާނުގައެވެ. މިހާރު މުމްބާއީގައި ކުރިއަށްދާ ޝެޑިއުލް ނިންމާލުމަށް ފަހު ކްރޫއިން ދެން ތައްޔާރުވާނީ ދިއްލީގެ ޝެޑިއުލްއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "އިޝްގް ވިޝްގް"އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ އަމްރިތާ ރާއޯ އެންމެ ފަހުން ފެނިފައިވަނީ 2019ވަނަ އަހަރު ރިލީޒްކުރި ސީޔާސީ ދާއިރާއާ ގުޅުންހުރި ބައޮގްރަފީ ފިލްމަކުންނެވެ.
ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު ފިލްމީ ދާއިރާއިން އަމްރިތާ ފެންނަ މިންވަރު ވަނީ ވަރަށް މަދުވެފައެވެ. ބަތަލާގެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މަސްތީ"، "މޭ ހޫ ނާ"، 2006ވަނަ އަހަރު ރިލީޒްކުރި ފިލްމު "ވިވާހް" ހިމެނެއެވެ.