10 Jun 2024, 07:52
އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ލަގަބު ހޯދާފައިވާ މަހުޖަނު މުކޭޝް އަމްބާނީގެ ދިރިއުޅުމަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބޭއިރު އެ އާއިލާގެ މެންބަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ވަރަށް ގިނަ މީހުންގެ ސަމާލުކަން ހުއްޓެއެވެ.
އަމްބާނީ އާއިލާގެ އެންމެ ގިނަ ބައެއްގެ ނަޒަރު ފަހަކަށް އައިސް ހުއްޓިފައިވަނީ މަހުޖަނު މުކޭޝްގެ އަންހެނުން ނީތާ އަމްބާނީ ފެން ބޯން ރަނުން ހަދާފައިވާ ފެންފުޅިއަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނީތާ ބޯން ތައްޔާރުކޮށްފައިވާ މި ޚާއްސަ ފެނަކީ ރަނުގެ މައުދަން ކޮންމެ ވެސް ވަރަކަށް އެކުލެވޭ ނުވަތަ 'ގޯލްޑް އިންފިއުސްޑް' ފެނެކެވެ.
މިއީ ދުނިޔޭގައި މި ވަގުތު އުފައްދާ އެންމެ އަގުބޮޑު ފެން ކަމަށާއި އޭގެ އަގު 60،000 އެމެރިކާ ޑޮލަރަށް އަރާކަމަށްވެއެވެ.
އުމުރުން 60 އަހަރުގެ ނީތާ ފެން ބޯން ގެންގުޅޭ ފެން ފުޅިއަކީ 24 ކެރެޓު ރަނުން ތައްޔާރުކޮށްފައިވާ ކަސްޓަމް ޑިޒައިނަ ފުޅިއެކެވެ. ފުޅި ޑިޒައިންކުރުމުގެ ފަންނުގައި މަޝްހޫރު މީހެއް ކަމަށްވާ ފެނާންޑޯ އަލްޓަމިރާނޯ ނީތާއަށް ޚާއްސަކޮށް ޑިޒައިންކޮށްފައިވާ މި ފުޅީގައި ބޯ ފެނުގެ ނަމަކީ، 'އެކުއާ ޑި ކްރިސްޓަލޯ ޓްރިބިއުޓް އަ މޮޑިގްލިއާނީ'އެވެ.
މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރަނުގެ ކުނޑި އެކުލެވޭ މި ޚާއްސަ ފެން ނީތާ ބޭނުންކުރަނީ ގައިގެ ހަންގަނޑު ރީތިކޮށް ޒުވާންކަން މަތީ ބެހެއްޓުމުގެ ބޭނުމުގައެވެ.

ނީތާ ފިރިމިހާ މުކޭޝް އަމްބާނީ އަދި ދޮށީ ފިރިހެން ދަރިފުޅުގެ އާއިލާއާ އެކު--ފޮޓޯ/ޓައިމްސްނައު
އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް ނައުއިން ބުނެފައިވާ ގޮތުގައި ރަނުގެ ކުނޑި އެކުލެވޭ މި ފެން އުފައްދަނީ އައިސް ލޭންޑުގެ ގެލޭޝިއާ ފެނާއި ފްރާންސް އަދި ފިޖީގެ ޤުދުރަތީ ސްޕްރިންގް ވޯޓަ ބޭނުންކޮށްގެންނެވެ. މި ފުޅީއަށް 750 މިލިލީޓަރުގެ ފެން އަޅާއިރު އޭގައި ފަސް ގްރާމުގެ ރަނުގެ ކުނޑި އެކުލެވެއެވެ.
ނީތާ އަމްބާނީގެ އުމުރަށްވުރެ ޒުވާންކޮށް އޭނާ ފެންނާތީއާ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ދޭ ސަމާލުކަމަކީ ނީތާގެ ހަފުލާތަކުން ފެނުމަށްފަހު ވަރަށް ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ.
އާއްމުގޮތެއްގައި މުއްސަނދި މަހުޖަނުންގެ ފަރާތުން ފެންނަ މިފަދަ އަމަލުތަކަކީ ކަންދެއްކުމުގެ ގޮތުން ދައްކާ އަމަލުތައް ނަމަވެސް ނީތާއަކީ އާއްމުންނަށް ވަރަށް ހިތްހެޔޮ އެއްވެސް ބޮޑާކަމެއް ނުގެންގުޅޭ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝަހްސިއްޔަތެކެވެ.