ކުރީގެ ސަރުކާރުން އާސަންދައިގެ ހިދުމަތް ތައާރަފުކުރީ ސިޔާސީ ކުލަ ޖައްސައިގެން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރު ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު މިއަދު ވިދާޅުވީ އޭނާ ވެސް ނިސްބަތްވި އެމްޑީޕީގެ ސަރުކާރުން "އާސަންދަ ތައާރަފް ކޮށްފައިވަނީ އޭގައި ވަރަށް ގިނަ ސިޔާސީ ކުލަތަކެއް ޖައްސައިގެން" ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ގެނައި އާސަންދައިން އެމްޑީޕީގެ ވައުދުތަކުގެ ތެޜޭގައި ހިމެނުނު ބޭސް ސިޓީއަށް ސަލާންޖެހުމުގެ ވައުދު ވެސް ފުއްދިފައި ނުވާ ކަމަށެވެ.

ޑީޑީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް އޭނާ ވަޑައިގަތުމަށް އެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއެކު ޖުމްހޫރީ ޕާޓީން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ޑީޑީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން ހެލްތު މިނިސްޓަރު ކަމަށް ޑރ. ޑިޑީގެ ނަން ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ކައުންސިލްގެ މެންބަރު ހުށަހެޅި މައްސަލައާ ބެހޭ ގޮތުން ޑީޑީ ވިދާޅުވީ އެގޮތަށް ނަން ހުށައަޅާފައިވާ ކަމަށާއި އެކަމަށް ވަކިގޮތެއް ނިންމަން ޕާޓީގެ ލީޑަރަށް ކައުންސިލުން ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ޖުމްހޫރީޕާޓިން ނިންމާ ކޮންމެ ނިންމުމަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން ހުރީ ދިވެހި ގައުމަށާއި ޖުމްހޫރީ ޕާޓީއަށް ހިދުމަތްކުރަން ވަކި މަގާމަކަށް ވަކި ދާއިރާއަކަށް އަޅުގަނޑުގެ ޝައުގުވެރިކަމެއް އެއް އިރަކުވެސް ނެތް، ނަމަވެސް ޖުމްހޫރީޕާޓީން ނިންމާ ކޮށްމެ ނިންމުމަކަށް އަޅުގަނޑު އިހުތިރާމް ކުރާނަން" ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ރައީސް ކަން ކުރެއްވެވި އަދި އޭނާގެ ވަރަށް ގިނަ ސަޕޯޓަރުން ވެސް ތިބި އެމްޑީޕީއަށް އަމާޒުކޮށް ޑީޑީ ވަނީ މިއަދު ވެސް ބަހުގެ ހަމަލާއެއް ދެއްވާފަ އެވެ. ވިދާޅުވީ އެންމެ ބޮޑު ޑިމޮކްރެޓިކް ޕާޓީ ކަމަށް ދައުވާ ކުރާ އެމްޑީޕީގެ ސަބަބުން ރާއްޖޭގެ ސިޔާސީ ހަރަކާތުގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ.

ޑީޑީ ވިދާޅުވީ އެމްޑީޕީން ހިންގާ ނާތަހުޒީބީ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ސިޔާސީ ބޭފުޅުންނަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވާ ކަމަށާއި އެފަދަ ބޭފުޅުން މަގުމަތިން ފެނުމުން ދިމާކޮށް ފާޑުފާޑުގެ ދޫނީގެ އަޑު ލައްވާ ފުރައްސާރަ ކުރަމުން ދާ ކަމަށެވެ.

"ރާއްޖޭގައި އެންމެ ބޮޑު ޑިމޮކްރެޓިކް ސިޔާސީ ޕާޓީކަމަށް ދައުވާކުރާ ޕާޓީގެ ފަރާތުން މިއަދު ސިޔާސީ ހަރަކާތްތަށް ކުރިއަށް ގެންދާ ގޮތުގެ ސަބަބުން ރާއްޖޭގެ ސިޔާސީ ހަރަކާތުގެ މިނިވަންކަން މިވަނީ ގެއްލިފައި،" ޑރ. ޑީޑީ ވިދާޅުވި އެވެ.