09 Jun 2024, 23:09
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
އެ ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.
އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަގާމުގެ ހުވައިލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ރައީސްވަނީ، އިންޑިއާގެ ބޮޑުވަޒީރާއި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ.
އެ ރަސްމިއްޔާތަށް ރޭ އިންޑިއާއަށް ވަޑައިގަތް ރައީސް، ދައުވަތު ގަބޫލުކުރައްވައި މީގެ ކުރިން ވިދާޅުވެފައިވަނީ، ދެ ގައުމުގެ ގުޅުން ކުރިޔަށްދަނީ މި ދަތުރުފުޅުން ރަމްޒުކޮށްދޭ ކަމަށެވެ.
ބޮޑުވަޒީރު މޯދީ ވެރިކަމަށް އިންތިޚާބުވި ފުރަތަމަ ފަހަރު، ވެރިކަމުގެ ހުވާ ކުރެއްވުމަށް މެއި 26، 2014ގައި ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ހުބާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު: އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަތް -- ފޮޓޯ/ ރައީސް އޮފީސް
އޭގެ ފަހުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގަތެވެ.
ޔާމީނާއި އެ މަނިކުފާނުގެ ތާއިދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރު 'ޕްރޯ ޗައިނާ' ސަރުކާރުތަކުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާއިރު، ޞާލިޙްގެ ސަރުކާރު ފާހަގަކޮށްފައިވަނީ 'ޕްރޯ އިންޑިއާ' ގޮތުގައެވެ.
ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި މިއީ 'ޕްރޯ މޯލްޑިވްސް' ސަރުކާރެކެވެ. ނަމަވެސް ވެރިކަމުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް މޯދީއަށް ކުޑައިމީސްކޮށް ވާހަކަދެއްކުމާ ގުޅިގެން އެގައުމުގެ އިސް ބައެއް ބޭފުޅުންނާއި އާންމު ރައްޔިތުންގެ ނުރުހުން ވެސް ރާއްޖެއަށް އަމާޒުވިއެވެ.
އެ މައްސަލައިގައި ތިން ނައިބު ވަޒީރުން އަދިވެސް ތިއްބެވީ ސަސްޕެންޝަނުގައެވެ.