އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ވެރިކަމުގެ ތިން ވަނަ ދައުރަކަށް މިއަދު ހުވާކުރައްވައިފިއެވެ.

މޯދީ ވެރިކަމުގެ ހުވާ ކުރެއްވީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓުގެ މެންބަރުން ވެސް ހުވާކުރެއްވިއެވެ.

އިންޑިއާ ޓުޑޭ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ރަސްމިއްޔާތުގައި 72 މިނިސްޓަރުން ހުވާ ކުރައްވައެވެ. އޭގެ ތެރޭގައި މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިސްކޮށް އޮންނަ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ 11 މިނިސްޓަރުންނާއި ކުރީ ސަރުކާރުތަކުގައި މިނިސްޓަރުކަން ކުރެއްވި 39 މީހުން ހިމެނޭ ކަމަށް އެ މީޑިއާއިން ރިޕޯޓުކުރިއެވެ.

އިންޑިއާގައި މިދިޔަ އޭޕްރިލް މަހުގެ 19އިން މިމަހުގެ އެކަކަށް ބޭއްވި އާންމު އިންތިޚާބުގައި، ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން އަޣުލަބިއްޔަތު ހޯދުމަށް ބީޖޭޕީން މަސައްކަތް ކުރި ނަމަވެސް، އެ ޕާޓީއަށް 543 ގޮނޑީގެ ތެރެއިން ލިބުނީ 240 ގޮނޑިއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތަކީ 272 ގޮނޑި ކަމަށްވާއިރު، އެންޑީއޭގައި ހިމެނޭ ޕާޓީތަކުގެ ޖުމްލަ 286އަށް އަރައެވެ. އެހެންވެ، ސަރުކާރު އެކުލަވާލީ އެ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހުގައެވެ.

އެއީ 2019 އާއި 2014 ވަނަ އަހަރާ އަޅައިބަލާއިރު ބީޖޭޕީއަށް ދަށް ނަތީޖާއެކެވެ. އެގޮތުން 2019ގައި އެ ޕާޓީއަށް 303 ގޮނޑި ލިބުނުއިރު 2014ގައި 282 ގޮނޑި ލިބުނެވެ.

އެ ރަސްމިއްޔާތުގައި މި ސަރަހައްދުގެ ހަތް ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުރުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފް އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ހިމެނެއެވެ.

މޯދީއަކީ ކުރީގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫއަށް ފަހު، ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރެވެ.